ވިޔަފާރި

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރެވޭ ސަރަޙައްދުތައް ކަނޑައަޅައިފި


ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރެވޭ ސަރަޙައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސައިހޮޓާ ރެސްޓޯރަންޓް، ކެންޓީން ހިންގުމުގެ ގަވާއިދާއި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދީފައިވަނީ ތިން ސަރަޙައްދަކަށް ކަމަށެވެ. އެއީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުން އަދި ފެރީ ޓަރމިނަލް ސަރަހައްދާއި ދިމާލުން ފަށުއިމާ ހިނގުމެވެ.

ނިރޮޅުމަގަކީ ހުޅުމާލޭގެ އެންމެ ބޮޑު މަގެވެ. އަދި ހުވަނދުމާ ހިނގުމާއި ފަށުއިމާ ހިނގުން ސަރަޙައްދުތަކަކީ ގިނަ ބަޔަކު އެމަގުތަކުން ދަތުރުކުރާ ކާރޫބާރު ބޮޑު ސަރަޙައްދުތަކެވެ.

ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކުން، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. މިކަމާއި ބެހޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކުރި ފަހުން މާލެއިން 14 ތަނަކަށް ހުއްދަދީފައިވާއިރު އައްޑޫ ސިޓީން 2 ތަނަކަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓް ކުރެވޭގޮތަށް ހުރި ތަނަކަށްވުމާއި، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދެއްގައި ހިންގާ ތަނަކަށް ވާންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.