ޚަބަރު

ލަންކާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވަނީ


ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހަ ފުރަމާނަ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަށް ލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހަ ކުރައްވާ މި ދަތުރުފުޅަކީ، އެމަނިކުފާނު ބޮޑު ވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅެވެ.

އެހެންނަމަވެސް، އެމަނިކުފާނު މީގެ ކުރިން ބޮޑުވަޒީރުކަން ކުރެއްވި ދައުރުތަކަގައާއި، އެހެނިހެން މަޤާމުތަކުގައި ހުންނެވިއިރުވެސް އެމަނިކުފާނު ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅުތަކެެއް ކުރައްވާފައެވެ. ރަނިލް އާއެކު މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މައިތިރީ ވިކްރަމް ސިންހަގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމް ސިންހަ ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރާކުރައްވާ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސްރީލަންކާއަށްދާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ތިން މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެ ޤައުމުގެ ކެބިނެޓުން ނިންމައިފައިވާއިރު، ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަގެ މިދަތުރުފުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަގޮތްތައް ފަހިކޮށްދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ކުރައްވާ މަސައްކަތުގެ ދަށުން ޤާއިމުކުރާ މި އެއްބަސްވުމުގެ ސަބަބުން، ލަންކާއަށް ތަޢުލީމު ޙާސިލުކުރުމާއި، ސިއްޙީ އެކި ބޭނުމަށް ދަތުރުކުރާ ދިވެހިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ޒުވާނުން ކުރިއެރުވުމަށާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލްވިކްރަމް ސިންހަގެ މިދަތުރުފުޅުގައި، ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ޗެއަރ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއަން އޯޝަން ކޮންފަރެންސް، އައިއޯސީގެ ހަތަރުވަނަ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. މީގެ އިތުރުން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅު ނިންމާލެއްވުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުއެވެ.