ޚަބަރު

އައިޔޫއެމް އިން ބޭއްވި ޢިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ނިންމާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ)ގެ މިއަހަރުގެ ބައްދަލުވުން ނިންމާލައިފިއެވެ.

މި އަހަރުގެ މަހާސިންތާގެ މައިގަނޑު ތީމަކީ "ޢިލްމު ޙިއްޞާކޮށް ޢިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން" މިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި މި މަހާސިންތާގައި 50 ދިރާސާ ކަރުދާހާއި 5 ޕޯސްޓަރު ވަނީ ހުށައަޅާފައެވެ. މީގެ ތެރޭގައި ސައުތު އޭޝިޔާގެ އެކި ޤައުމުތަކުގެ ޢިލްމީ ބޭފުޅުން ވަނީ 28 ކަރުދާސް ހުށައަޅާފައެވެ. އަދި ރާއްޖޭއިންވެސް ވަނީ ގިނަ ކަރުދާސްތަކެއް ހުށައަޅާފައެވެ.

މި މަހާސިންތާގައި ކަރުދާސްތައް ހުށަހެޅި ދާއިރާތަކުގެތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރިކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ޤްރުޢާނިކް ސައިންސް، ޝަރީޢާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލޭންގުއޭޖް އެންޑް ލިޓްރޭޗަރ ހިމެނެއެވެ.

މި ކޮންފަރެންސާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިއަހަރުގެ ކޮންފަރެންސްގެ ޗެއަރ ޑރ.ދީބާ މޫސާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި މަހާސިންތާއާ އަޅާބަލާއިރު މިއަހަރުގެ މަހާސިންތާ ކާމިޔާބުކަމަށެވެ. އެގޮތުން ކަރުދާސް ހުށައެޅި މީހުންގެ އަދަދު ގިނަކަމަށާއި އިންޓަރނޭޝަނަލް ބައިވެރިންވެސް ގިނަކަން ދީބާ ފާހަގަކުރެއްވިއެވެ. ދީބާ ވަނީ މިފަދަ މަހާސިންތާތަކުގައި މުދައްރިސުން ބައިވެރިވުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހެޅި ފަރާތްތަކާއެކު 300 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށް އިސްލާމީ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ. މީގެތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ލެވެލަށް ކިޔަވާ ދަރިވަރުންނާއި އެހެނިހެން ޔުނިވަރސިޓީ، ކޮލެޖްތަކުގެ ދަރިވަރުންވެސް ހިމެނެއެވެ.

މިއަހަރުގެ މަހާސިންތާގައި ވަނީ އެންމެ ރަނގަޅު ކަރުދާސް ޕްރެޒެންޓޭޝަންއާއި އެންމެ ރަނގަޅު ޕޯސްޓަރ ޕްރެޒެންޓަރސްވެސް ހޮވާފައެވެ.

ޢިލްމީ ކުރިއެރުމާބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ)އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2016ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަހާސިންތާއެކެވެ.