ތިމާވެށި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ


މިއަދަކީ
ދުނިޔޭގެ ދިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާދުވަހެވެ. ދުނިޔޭގެ ތިމާވެށި
ދުވަހުގެ ޝިޢާރަކީ "ސެވެން ބިލިއަން ޑްރީމްސް. ވަން ޕްލެނެޓް. ކޮންސިއުމް ވިތު
ކެއަރ." މިއެވެ.



ތިމާވެށީގެ ދުވަހާ ގުޅުވައިގެން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާނެކަމަށް
އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވިއެވެ.



ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް
މާލެއާއި، ވިލިމާލޭއާއި، ހުޅުމާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސް އެމިނިސްޓްރީގެ
ބައިވެރިވުމާއިއެކު ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ. މާލެއާއި
ހުޅުމާލެއާއި ވިލިނގިލީގެ އިތުރުން ބައެއް އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް
ރާއްވަވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން
މިނިސްޓަރ ތޯރިޤް ވިދާޅުވީ، ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ
އެއް ޕްރޮގްރާމަކީ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުރަކަ އިންދުމުގެ
ހަރަކާތް ކަމަށެވެ. "ވަން ނޭޝަން ކޮރަލް ރިވައިވަލް"ގެ ނަމުގައި ހިންގާ
މިހަރަކާތުގައި މުރަކަ އިންދުމުގެ އިތުރުން، ތިމާވެއްޓާއި ގުޅޭ މަޢުލޫމާތު
ދިނުމާއި، މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށްވެސް މިނިސްޓަރވަނީ
ވިދާޅުވެފައެވެ.



މީގެ އިތުރުން ހުޅުމާލޭގައި
އަލަށްހިއްކާފައިވާ ސަރަހައްދާއި ތިނަދޫގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމް
ތަކެއް ކުރިއަށްގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ
ސަބަބުން ހުޅުމާލޭގައި ގަސް އިންދުމުގެ ޕްރޮގްރާމް މިހާރުވަނީ ފަސްކުރެވިފައެވެ. މާޅޮސްމަޑުލު
ދެކުނުބުރީގައި ބަޔޮސްފިޔާ ރިޒާވްގެ ފަރާތުން އެއަތޮޅުގެ ބައެއް ރަށްރަށުގައިވެސް
ދުވަހާ ގުޅޭ ހަރަކާތްތައް ހިންގާނެ ކަމަށް މިނިސްޓަރ ތޯރިގް
ވިދާޅުވިއެވެ.