ކުޅިވަރު

މާނޭއާއި ސަލާއާއި ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް މިހާރު ނެތް - ކުލޮޕް


ލިވަޕޫލްގެ ދެ ފޯވާޑުންކަމަށްވާ ސަދިއޯ މާނޭއާއި މުހައްމަދު ސަލާއާއި ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް މިހާރު ނެތްކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ލީގުގައި ބާންލީ އަތުން ތިނެއް ސުމަކުން މޮޅުވި މެޗުގައި ދެ ކުޅުންތެރިންގެ ދެ މެދުގައި ހިތްހަމަނުޖެހުމުގެ ކަންތައްތައްތަކެއްވަނީ ހިނގާފައި. ބާންލޭ ޕެނަލްޓީ އޭރިއާ ތެރޭގައި މާނޭ ހުސްކޮށް ހުއްޓައި ސަލާވަނީ މާނޭއަށް ބޯޅަ ޕާސްނުކޮށް އަމިއްލައަށް ގޯލް ޖަހަން މަސައްކަތްކޮށްފައެވެ. މި ހާދިސާއަށްފަހު މާނޭ ބަދަލުކުރުމުން އޭނާވަނީ ސަލާ ބޯޅަ ޕާސްނުކުރީތީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މާނޭގެ ރުޅި މައިތިރިވީ ޖޭމްސް މިލްނާ އޭނާއާއި ވާހަކަދައްކައިގެންނެވެ.

މެޗަށްފަހު ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުން މޮޅުވާން ބޭނުންވާ ކުޅުންތެރިންގެ ފަރާތުން އެކަހަލަކަމެއް ފެނިދާނެކަމަށާއި އެއީ މައްސަލައެއް ނޫންކަމަށެވެ. ދެ ކުޅުންތެރިންނާއި ވާހަކަދައްކައި އެ މައްސަލަ ހައްލުކޮށްފައިވާކަމަށާއި، ފޯރިގަދަ މެޗެއްގައި އެކަހަލަކަމެއް ހިނގާފާނެކަމަށް އޭނާ ބުނި. ބާންލީ އަތުން ހޯދި މޮޅާއިއެކު ލިވަޕޫލްވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ.