ޚަބަރު

އަންހެނުން ގޭތެރޭގައި ކުރާ މަސައްކަތަކީ އެއީ މަސައްކަތެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ – މިނިސްޓަރ ޝިދާތާ


މި ސަރަޙައްދުގެ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ގޭތެރޭގައި އެމީހުންކުރާ މަސައްކަތްތަކަކީ އެއްވެސް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނިއު ދިއްލީގައި އޮގަސްޓު މަހުގެ 31ން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10ވަނަ ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ކުދިން ބެލުމާއި ކެއްކުމާއި ފޮޅާ ސާފުކުރުމާއި ދޮވެ އިސްތިރިކުރުމާއި ބާޒާރުކުރުންފަދަ އަންހެނުން ގޭތެރޭގައި ކުރާ އެކި ބާވަތުގެ މަސައްކަތްތަކަކީ އުޖޫރައެއްނެތި ކުރާ މަސައްކަތެއްކަމުން އެއީ މަސައްކަތެއްގެ ގޮތުގައި ބަލައިގަންނަމުން ނުދާކަމަށެވެ. އެހެން ނަމަވެސް މި މަސައްކަތްތައް ނުހިނގާނަމަ، މުޖުތަމަޢުގެ ހިނގުން ހުއްޓި، އިޤުތިޞާދު ފުނޑުފުނޑުވެގެން ހިނގައިދާނެކަމަށް ޤަބޫލުކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، މި ފަހުން ރާއްޖޭގައި ކުރެވުނު ސަރވޭއެއްގައި އުޖޫރަ ލިބިގެންނާއި އުޖޫރަ ނުލިބި ކުރާ މަސައްކަތްތައް އެއްކޮށްލުމުން، ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތުގައި މަސްއޫލުވެގެން އުޅޭ މިންވަރު އިތުރުކަން ފާހަގަކުރެއްވިއެވެ. އަދި ޕެޓަރނިޓީ ލީވްއަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އޮތް މިންތީގެ ތަފާތު ކުޑަކުރުމަށާއި ވަޒީފާއާއި ޢާއިލާއަށް ވަގުތު ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ތަޢާރަފުކުރެވުނު އެ ފަދަ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާގައި މިންތީގެ ހަމަހަމަ ކަން ޤާއިމުކުރުމަށާއި، އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ބައިވެރިވުން އިޤުތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

މިނިސްޓަރ ޝިދާތާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީގައި ކުރިއަށް ދާ ސްވޯންގެ 10ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުގެ މައްޗަށް އެކުލެވިގެންވާ އަންހެނުންގެ ވަފުދެއް ބައިވެރިވާއިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކަށް ވެސް ހުންނަވާނީ މިނިސްޓަރ ސިދާތާކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.