ވިޔަފާރި

އެމްއައިބީގެ ތިނަދޫ ބްރާންޗުން މިހާތަނަށް 20 ހާސް ހިއްސާ ވިއްކައިފި


މޯލްޑިވްސް އިސްލާމިކް ބޭންކް އެމް.އައި.ބީގެ ހިއްސާ ގަތުމަށް ގދ. ތިނަދޫއިން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި މިހާތަނަށް ވިހި ހާހަށްވުރެ ގިނަ ހިއްސާ ވިއްކާފައިވާކަމަށް އެ ބޭންކުގެ ތިނަދޫ ބްރާންޗުން ބުނެފިއެވެ.

އެމް.އައި.ބީގެ ތިނަދޫ ބްރާންޗުން މައުލޫމާތު ދެއްވި ގޮތުގައި އެ ބްރާންޗުން ހިއްސާ ވިއްކުމަށްޓަކައި ހަރަކާތްތެރިވަނީ ހަފްތާ ބަންދުގައި އެރަށު ފެރީ ޓަރމިނަލް ކުރިމަތީގައެވެ. އެހެން ދުވަސްދުވަހު އެ ބޭންކުގެ ބްރާންޗުން ހިއްސާ ވިއްކުމުގެ ކަންކަން ވަނީ ހަމަޖެހިފައެވެ.

އެ ބޭންކުގެ ތިނަދޫ ބްރާންޗުން އިއްޔެއާއި މިއަދު އެކަނިވެސް ދެހާހެއްހާ ހިއްސާ ވިއްކިފައިވާކަމަށާއި މީގެ ކުރިން ބޭއްވި އެފަދަ ހަރަކާތްތަކާއެކު މިހާތަނަށް ވިހި ހާހެއްހާ ހިއްސާ ވިއްކާފައިވާކަމަށް އެ ބްރާންޗުން މައުލޫމާތުދެއެވެ.

ހޮނިހިރު ދުވަހަކީ އަތޮޅުތެރޭ ރަށްރަށުންނާއި ގއ އަތޮޅުގެ ފެރީވެސް ތިނަދޫއަށް އަންނަ ދުވަސްކަމުން ގިނަ އަދަދެއްގެ މީހުންގެ ތަރުހީބު ހިއްސާ ގަތުމަށް ލިބެމުން އަންނަ ކަމަށް އެބްރާންޗުން ބުންޏެވެ. އަދި އަތޮޅު ތެރޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުންވެސް ހިއްސާ ގަތުމަށް ޝައުގުވެރިކަން ހުށަހަޅަމުން އަންނަ ކަމަށްވެސް އެ ބްރާޗުން ބުނެއެވެ.

އެމްއައިބީއިން މުޅިން އަލަށް ހިއްސާ ވިއްކަން ފަށާފައިވާއިރު ޖުމްލަ 6.9 މިލިއަން ހިއްސާ ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުންފުނީގެ 31 އިންސައްތަ ހިއްސާއެވެ. ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުމަށް ވަނީ ހުޅުވާލާފައެވެ.

އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާއިރު މަދުވެގެން ގަނެވޭނީ 20 ހިއްސާއެވެ. އެއީ ހިއްސާއަކަށް 35 ރުފިޔާގެ ރޭޓުންކަމަށްވާނަމަ 700 ރުފިޔާއެވެ. އަދި މިއަދަދު 10 ހިއްސާއިން ބޭނުންވާ އަދަދަކަށް އިތުރުކުރެވޭނެކަމަށް ވެސް އެމްއައިބީން މަޢުލޫމާތުދެއެވެ.