ޚަބަރު

ބިދޭސީންގެ މެޑިކަލް ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި - ބ.އަތޮޅު ހޮސްޕިޓަލް

ބިދޭސީންގެ މެޑިކަލް ޗެކްއަޕް ހެދުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށާ، މިގޮންޖެހުތަކުން އަރައިގަނެވިއްޖެނަމަ ދައުލަތަށް ވަންނަ ޢާމްދަނީ މިހާރަށްވުރެ އިތުރު ކުރެވޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މެޑިކަލް ޗެކްއަޕް ހެދުމުގެ ޙިދުމަތް ބ.އަތޮޅު ހޮސްޕިޓަލުން ފޯރުކޮށްދޭން ފަށާފައިވަނީ 2016ވަނަ އަހަރުގެތެރޭގައެވެ. ދަތިޙާލުގައި ނަމަވެސް މިޚިދުމަތް 4އަތޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ފޯރުކޮށްދޭތާ މިވަނީ 4 އަހަރުވެފައެވެ. މިކަމަށް ދާއިމީ ޙައްލެއް ލިބިއްޖެނަމަ މިހާރު ދައުލަތަށް ވައްދާ އާމްދަނީ އިތުރުކުރެވޭނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މި ޙިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ 2016ވަނަ އަހަރުގެ ޖޫންމަހުން ފެށިގެންނެވެ. އެ ހޮސްޕިޓަލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2016ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެތެރޭގައި 8 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ބިދޭސީންގެ މެޑިކަލް ޙިދުމަތުން ލިބިފައެވެ. އަދި 2017 ވަނަ އަހަރު 3.3 މިލިއަންރުފިޔާ، 2018 ވަނަ އަހަރު 2.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރު 2019 ވަނައަހަރުގެ ފުރަތަމަ ހަމަސްދުވަހު 1.3 މިލިއަންރުފިޔާ މިޚިދުމަތުން ވަނީ ދައުލަތަށް ލިބިފައެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސް މުޙައްމަދު ރަޝީދު ވިދާޅުވީ މިކަން ކުރުމަށް ލެބޯޓަރީގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމުގެ އިތުރުން ޢިމާރާތުގެ ދަތިކަން އެބަހުރިކަމަށެވެ.

"މިމަސައްކަތް ފުޅާދާއިރެއްގައި ކުރިއަށްގެންދިއުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، އޭގެ ތެރޭގައި އަތޮޅުގެ މުޅިއާބާދީއަށް ޙިދުމަތް ފޯރުކޮށްދެމުން 4 އަތުޅުން އަންނަ ބިދޭސީންގެ މެޑިކަލް ޗެކްއަޕް ހެދުމަކީ އަސްލު އެހާ ފަސޭހަކަމެއްނޫން" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މެޑިކަލް ޙިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ބ.އަތޮޅު ހޮސްޕިޓަލުންދަނީ ނ،ރ،ޅ މި ހަތަރު އަތޮޅުގެ ބައެއް ރިސޯޓްތަކާއި ބ.އަތޮޅުގެ ހުރިހާ ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސް ތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް މި ޙިދުމަތް ފޯރުކޮށްދެމުންނެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިޙިދުމަތް ފުޅާ ކުރުމަށް ސަރުކާރާއެކު މަސްވަރާތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އަލަށް ހޮސްޕިޓަލަށް އިތުރުކުރެވޭ ޢިމާރާތުގައި މިކަމަށް ޚާއްސަ ޑިޕާޓްމަންޓެއް ބެހެއްޓުމަށް މަސްވަރާތަކެއް ކުރެވެމުންދާކަން މުޙައްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.

"މެޑިަކަލް ޚިދުމަތް ވަރަށް ފުޅާކޮށް އެބަފޯރުކޮށްދެން. ލިބޭ އާމްދަނީ އިތުރުވަމުން ދާކަމީ މިކަމުން ދައްކުވައިދޭ މިސާލެއް. އިމާރާތުގެ ދަތިކަން ހައްލުވީހާ އަވަހަކަށް މި ހިދުމަތް މިއައްވުރެ ފުޅާވެ އަވަސްވެގެންދާނެކަމަށް ގަބޫލްކުރަން." މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ބ.އަތޮޅުގެ ސިއްޙީ ޙިދުމަތައް 50 އަހަރު ފުރުމުގެ ގޮތުން މިއަހަރުގެ ޖުލައި މަހުގެ 30ވަނަ ދުވަހު ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ބ.އަތޮޅު ހޮސްޕިޓަލުން މިހާރު ލިބެން ނެތް ހިދުމަތްތައް އެހޮސްޕިޓަލުން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރު އާޢިމާރާތެއް ހުޅުވައި ހޮސްޕިޓަލްލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.