ކުޅިވަރު

ނޭމާ ގަންނަން ބާސެލޯނާއިން ދެކޮޅު ހަދައިފި


ޕީއެސްޖީން ބުނިހާ ގޮތެއް ހަދައިގެން ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސް ގަތުމަށް ބާސެލޯނާއިން ދެކޮޅު ހަދައިފިއެވެ. މި ދެ ކުލަބުން އެންމެ ފަހުންކުރި މަޝްވަރާތަކަށް ނޫނެކޭ ބުނެފައިވަނީ ނޭމާ ގަތުމަށް މަސައްކަތް ކުރަމުން އަންނަ ބާސެލޯނާއިންނެވެ.

ނޭމާ އަލުން ބާސެލޯނާއަށް ދާން ބޭނުންވާތީ، އޭނާ ވިއްކުމަށް ޕީއެސްޖީން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމުގައި ހިމެނެނީ 3 ކުޅުންތެރިއަކާއި ފައިސާ ދިނުމަށެވެ. އެއީ މިޑްފީލްޑަރު އިވާން ރަކިޓިޗާއި ޑިފެންޑަރު ޓޮޑިބޯ އާއި ފޯވަޑް އޮސްމާނޭ ޑެމްބެލޭއެވެ. މީގެ އިތުރުން ޕީއެސްޖީން ބުނާ އަދަދަކަށް ފައިސާ ދޭގޮތަށެވެ. މިކަމަށް ބާސެލޯނާގެ ޓެކްނިކަލް ޓީމާއި ބޯޑުން ދެކޮޅުހެދީ އެކުލަބުގެ މާލީ ޙާލަތަށް ބެލުމަށްފަހުއެވެ. ބާސެލޯނާއިން މިހާރުވެސް ކުރަންޖެހިފައިވާ އެންމެ މުހިންމުކަމަކީ ކުޅުންތެރިންގެ މުސާރަތަށް ކުޑަކޮށް ކުލަބުގެ ހޭދަ ކުޑަކުރުމެވެ.

ނަމަވެސް ޕީއެސްޖީން ބުނިހާގޮތަކަށް ނޭމާ ގެނެސްފިނަމަ ބާސެލޯނާއަށް ޢަދަދުނުކުރެވޭ ވަރުގެ މާލީ ގެއްލުންތަކާ ކުރިމަތިވެދާނެކަމަށް ތަޖުރިބާކާރުންނާއި އެކުލަބުގެ އިސްވެރިން މިހާރުވަނީ ބުނަން ފަށާފައެވެ. ނަމަވެސް މިއީ ނޭމާ ގެނައުމަށް ބާސެލޯނާކުރާ މަސައްކަތް މުޅިން ހުއްޓުމެއްނޫނެވެ. މިއަދަކީ ޓްރާންސްފަރ މާކެޓުގެ ފަހު ދުވަސްކަމުން މިއަދު ފަހުގެ ވަގުތެއްގައި ނޭމާ ގަތުމާމެދު 2 ކުލަބުން އެންމެ ފަހުގެ މަޝްވަރާކުރުމަކީ އެކަށީގެންވާކަމެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

މީގެ 2 އަހަރު ކުރިން ދުނިޔާގެ ރެކޯޑް ފީއެއްކަމަށްވާ 222 މިލިއަން ޕައުންޑަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާވަނީ އަލުން ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަމަށް ޕީއެސްޖީއަށް އަންގާފައެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓްގައި ބާކީ އަދި 4 އަހަރު އެބައޮތެވެ. ނަމަވެސް ނޭނާ ދަނީ މެޗުތައް ނުކުޅެ، ކުލަބު ބަދަލުކުރުމަށް ބާރު އަޅަމުންނެވެ. އެހެންނަމަވެސް އޭނާ ގަތުމަށް ބާސެލޯނާއަށް ބޭނުންވަރަށް ޚަރަދު ކުރެވޭކަށްނެތެވެ.