ޚަބަރު

ރަގަނޅު ބައެއްގެ ގޮތުގައި ގައިދީން، އަލުން މުޖުތަމަޢަށް ނެރެން ޕްރިޒަން އޮފިސަރުން މަސައްކަތް ކުރަންޖެހޭނެ - މުނާޒް


ޖަލުގައިތިބޭ ގައިދީންނަކީ މުޖުތަމައަށް ނެރޭއިރު ރަގަނޅު ބައެއްގެ ގޮތުގައި ނެރުމަށް އެންމެބޮޑަށް މަސައްކަތް ކުރަންޖެހޭ ބަޔަކީ ޕްރިޒަން އޮފިސަރުން ކަމުގައި ކަމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 22ވަނަ އަސާސީ ތަމްރީން ބުރު ނިންމުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، ކޮންމެ އޮފިސަރެއްވެސް އެންމެބޮޑު އަމާޒަކަށް ވާންޖެހޭނީ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށްކަމަށެވެ. ހެދިފައިވާ ޤާނޫނުތަކާއި ކަރެކްޝަން އޮފިސަރުންގެ މައްޗަށް ލާޒިމްކުރާ، ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ފުރިހަމަޔަށް ކިޔަމަންވެ، ޤާނޫނަށް ޙުރުމަތްތެރިކޮށް ހުތުމަކީ ކޮންމެ އޮފިސަރަކުވެސް އެންމެ އިސްކަންދެއްވަން ޖެހޭކަންކަމަށެވެ.

އަދި ސެޓްފިކެޓް ހާސިލްކުރި އޮފިސަރުންވެސް ވަޒީފާއަށް ނިކުމެ މަސްއޫލިއްތު އަދާކުރުމުގައި ލިބިފައިވާ ތަމްރީނާއި ތަޖުރިބާގެ ބޭނުން ކުރަންޖެހޭނެކަމަށް މުނާޒް ވިދާޅުވިއެވެ. ކަރެކްޝަން އޮފިސަރުންނަކީ ޖަލުތަކުގެ ކަންކަން ބެލުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތަށްވާއިރު، ޖަލުގައިތިބޭ ގައިދީންނަށް ލިބިގެންވާ ހައްގުތަކާއި، އެމީހުން މުޖުތަމައަށް ނެރޭއިރު މުޖުތަމައުބަލައި ގަންނަ ބަޔަކަށް ހެދުމަށް މުހިންމު މަސައްކަތްތަކެއް ޕްރިޒަން އޮފިސަރުން ކުރަންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަރެކްޝަންސްގެ 22ވަނަ އަސާސީ ތަމްރީން ބުރުގެ ހުވައި ލައިދެއްވި ސިވިލްކޯޓްގެ އިސްޤާޒީ ޢަބްދުﷲ ޢަލީ ވަނީ ހުވާގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖޭގައި އުފެދިފައިވާ މުވައްސަސާތަކުގެ ވެރިންނާއި، މަސްއޫލިއްޔަތު ބޮޑުވެރިން ހުވާކުރުމުގެ މަރުހަލާ ފެށުނީވެސް މަސްއޫލިއްޔަތުތައް ސާބިތުކަމާއިއެކު އަދާ ކުރުމަށްކަމަށާއި، ހުވާގެ މަތީގައި ދެމިހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.