ސިޔާސީ

ތިން ވަޒީރުންނަށް ރުހުންދިނުމަށް ކޮމިޓީއަށް ނަން ފޮނުވައިފި


އިސްލާމިކް އެފެއާޒް މިނިސްޓަރުކަމާއި، ޔޫތު މިނިސްޓަރ އަދި ހެލްތު މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފަވާ ތިން ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.އިސްލާމިކު މިނިސްޓަރ ކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑރ. އަޙްމަދު ޒިޔާދު އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ، ކުރިން އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ މަހުގެ ފަސްވަނަ ދުވަހު އިސްތިއުފާ ދެއްވުމާއިގުޅިގެންނެވެ. ޔޫތު މިނިސްޓަރުކަމަށް ކުރީގެ ހެލްތު މިނިސްޓަރަކަށް ހުންނެވި އަހްމަދު ޒުހޫރު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ މުހައްމަދު މަލީހު ޖަމާލް ވަކިކުރެއްވުމަށްފަހު މިދިޔަ މަހުގެ ވިހިވަނަ ދުވަހުއެވެ. އަދި އެދުވަހު ވަނީ ހެލްތު މިނިސްޓަރަކަށް އިރުތިޝާމް އާދަމް އައްޔަންކުރައްވާފައެވެ.މީގެ އިތުރުން މިއަދުގެ ޖަލްސާގައިވަނީ  ނޭޕާލަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މ. މާހުރާ އަހްމަދު ސަލީމާއި، ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގ.އުފާ އަހްމަދު މުހައްމަދަށް ރުހުން ދިނުމުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ދިރާސާކުރުމަށް ފޮނުވާފައެވެ.އަހްމަދު ސަލީމަކީ މިހާރު ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުވެސްމެއެެވެ. އަދި އަހްމަދު މުހައްމަދަކީ އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުއެވެ.