ޚަބަރު

މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރުގެ އޮކްޓޯބަރ އިންޓޭކުން ފެށިގެން މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކޯސްތަކަކީ އޮންލައިންކޮށް ހިންގުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަ ލިބިފައިވާ ކޯސްތަކެއްކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި މިކޯސްތަކުގައި ކިޔެވުމަށް އެދޭ ފަރާތްތަކަށް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މެޕްސް ކޮލެޖުން ބުނެއެވެ.

މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔަވާދޭން ފެށުމުން، ޖުމްލަ 7 ދާއިރާއަކުން 34 ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މެޕްސް ކޮލެޖުގައި ބޭއްވި އިންފޮރމޭޝަން ސެޝަންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެޕްސް ކޮލެޖްގެ ޑެޕިއުޓީ ރެކްޓަރ، ފާތިމަތު ރަޝީދު ވިދާޅުވީ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމު އުނގެނުމަށް މަގުފަހިކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާކަމަށެވެ. އަދި މިކަމަކީ ސަރުކާރުން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގެ ކުރިމަގުގެ ތަޞައްވުރުގެ ތެރޭގައި ހިމެނޭ އަމިއްލަ ރަށުގައި ތިބެގެން އަސާސީ އަދި ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގަތުމާއި ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ ބޭނުންހިފުމުގެ މަސައްކަތަށްވެސް މަގުފަހިވެގެންދާ ކަމެއްކަމުގައި ވިދާޅުވިއެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މެޕްސް ކޮލެޖުގެ ޑީން އޮފް ޑެވެލޮޕްމަންޓް އެންޑް ސްޓޫޑަންޓް އެންގޭޖްމަންޓް ނަޝްޢާ އަޙްމަދު ނަސީމު ވިދާޅުވީ މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔަވާދެނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ތަޢާރަފްކޮށްފައިވާ "ސްމާޓް ކެމްޕަސް" މެދުވެރިކޮށްކަމަށެވެ. އަދި މެޕްސް ކޮލެޖަކީ ސްމާޓް ކެމްޕަސް ބޭނުންކުރާ ފުރަތަމަ އަމިއްލަ ކޮލެޖުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެޕްސް ކޮލެޖުން ބުނީ އޮންލައިންކޮށް ކިޔަވާ ކުދިންނަށް ކޮލެޖަށް އައިސް ކިޔަވާ ކުދިންނެކޭ އެއްފަދައިން، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އޮންލައިން ލައިބްރަރީ އެބްސްކޯ ހޮސްޓް ބޭނުންކުރެވުމުގެ އިތުރުން ސްމާޓް ކެމްޕަސް މެދުވެރިކޮށް މައިކްރޯސޮފްޓް އެޑިޔުކޭޝަންގެ އަލީގައި އެއްވަގުތެއްގައި ލެކްޗަރަސް އާއި ކްލާހުގެ އެހެން ކުދިންނާއި މުއާމަލާތު ކުރެވިގެންދާނެ ކަމަށާއި އެސައިންމަންޓްތައް ސަބްމިޓްކޮށް މައިކްރޯސޮފްޓް 360 އަށް ހިލޭ އެކްސެސް ލިބޭނެކަމަށެވެ.

އޮންލައިން ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގައެވެ. އޮންލައިން ކޯސްތަކުގެ ތެރޭގައި 7 ބެޗެލާސް ޑިގްރީ ޕްރޮގްރާމްވެސް ހިމެނެއެވެ. އަދި މިހުރިހާ ޕްރޮގްރާމަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ފުލް ނުވަތަ ޕާޝަލް ފަންޑިންނަށް ޝަރުތުހަމަވާ ޕްރޮގްރާމްތަކެވެ.