ޚަބަރު

74 ކުޅުންތެރިންނާއެކު ޤައުމީ 9 ބޯލް ޗެމްޕިއަންޝިޕް ފަށައިފި


74 ކުޅުންތެރިންނާއެކު ޤައުމީ 9 ބޯލް ޗެމްޕިއަންޝިޕް ފަށައިފިއެވެ.

މޯލްޑްވިސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތުގައި މި އަހަރު ދެ ޑިވިޝަނެއް ކުރިއަށްދާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި 64 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ޑިވަޝަންގައި 10 ކުޅުންތެރިން ވާދަކުރެއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގައި 18 އަދި ފިރިހެން ޑިވިޝަންގައި 126 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ދެ ޑިވިޝަން އެއްކޮށް 144 މެޗު ކުޅޭނެއެވެ.

ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަވަމުން އެމްޕީބީއޭ ވައިސް ޗޭއާމަން އަހުމަދު މާހިދް ވިދާޅުވީ މި އަހަރުގެ މުބާރާތުން ފެންނަ އެންމެ ބޮޑު ކުރިއެރުމަކީ މުބާރާތުގައި ބައިވެރިވި އަންހެން ބައިވެރިން އިތުރުވުންކަމަށެވެ. އަހަރަކަށްވުރެ އަހަރެއް މުބާރާތް ވަރުގަދަވެ ފޯރި ގަދަވަމުން އަންނަކަމަށް މާހިދު ފާހަގަކުރިއެވެ. މުބާރާތް ވަރުގަދަވުމުގެ މައިގަނޑު ސަބަބަކީ މުބާރާތުން ޤައުމީ ޓީމަށް އަރާނެ ކުޅުންތެރިން ކަށަވަރު ވާތީކަމަށާއި ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުބާރާތުން ކުޅުންތެރިންނަށް ލިބޭ ޕޮއިންޓަށް ބެލުމަށްފަހު ޤައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު 9 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ހުސެއިން ސަނީފެވެ. މުބާރާތް ކުރިއަށްދާނީ އަންނަމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ.