ޚަބަރު

91.9% ދަރިވަރުން އެޗް.ޕީ.ވީ ވެކްސިން ޖަހައިފި


ތަފާތު ބާވަތްތަކުގެ ކެންސަރާއި ޚާއްސަކޮށް ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިކުރުމަށްޓަކައި ޖަހާ އެޗް.ޕީ.ވީ ވެކްސިން ސްކޫލްތަކުގައި ތަޢުލީމް ހާސިލްކުރާ %91.9 ދަރިވަރުންނަށް ޖަހާފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ތަޢުލީމް ހާސިލްކުރަމުންދާ ޢުމުރުން 10 އަހަރާއި 14 އހަރާ ދެމެދުގެ ދަރިވަރުންނަށް މިވެކްސިން ޖަހާފައިވާކަމަށެވެ. މިވެކްސިންގެ ސަބަބުން ކެންސަރު ޖައްސާ އެޗް.ޕީ.ވީގެ މައިގަނޑު ދެވައްތަރުކަމަށްވާ 16 އާއި 18 އިން ރައްކާތެރިކަން ލިބިގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ހިއުމަން ޕެޕިލޯމާ ވައިރަސް، އެޗް.ޕީ.ވީއިން ޖެހޭ ކެންސަރުން ރައްކާތެރިކުރުމަށްޓަކައި ޢުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ވެކްސިން ދިނުމުގެ ކެމްޕެއިން ފަށާފައިވަނީ މިއހަރުގެ މާޗްމަހުގެ 21ވަނަ ދުވަހުއެވެ. މި ކެމްޕޭން މިހާރު ނިމިފައިވާއިރު މި ވެކްސިން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން އުމުރުން 10 އަހަރުނުވާ އަންހެންކުދިންނަށް ދެމުން ގެންދިޔުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

އެޗް.ޕީ އަކި ތަފާތު ބާވަތްތަކުގެ ކެންސަރު ޖައްސާ ވައިރަހެކެވެ. މީގެ ތެރޭގައި އަނގައިގެ ކެންސަރާއި ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުތައް ހިމެނެއެވެ. މީގެ ތެރެއިން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އަންހެނުންގެ ތެރޭގައި އެންމެ އާއްމު އެއް ކެންސަރުގެ ބާވަތެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް 84 ޤައުމަކުން 80 މިލިޔަނަށްވުރެ ގިނަ ކުދިންނަށް މި ވެކްސިން ޖަހާފައިވެއެވެ.