ސިއްހަތު

ޞިއްޙީ ޚިދުމަތްދޭ ހުރިހާތަނެއް އެއް ވިޔުގައަކުން ގުޅާލުމަށް ބޭނުންވާ އައި.ޓީ މުވައްޒަފުން ތަމްރީންކުރަނީ


ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ހުރިހާތަނެއް އެއް ވިޔުގައަކުން ގުޅާލުމަށް އައި.ޓީ މުވައްޒަފުން ތަމްރީންކުރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ތައްޔާރުކުރުމުގެ އެއްބަސްވުމެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ހެލްތް މިނިސްޓްރީން ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންނެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަނެވެ.

މި އެއްބަސްވުމުގެ ދަށުން ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މުއައްސަސާއެއްގެ އައި.ޓީ މުވައްޒަފުން ތަމްރީންކޮށް ފަންނީގޮތުން ކުރިއެރުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވަލް 3 އަދި 4 ގެ ފެންވަރުގެ ޙާއްސަ ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެއްގެ ކޯސް މެޓީރިއަލް ހެދުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޓިވެޓް އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ޓްރެއިނިންގ ޕްރޮގްރާމެއް ހެދުމުގެ މަޤްޞަދަކީ ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އައި.ޓީ މުވައްޒަފުން ޤާބިލްކުރުވާ ހުނަރުވެރިކުރުވުންކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، މިއީ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ އައި.ޓީ މުވައްޒަފުން އެންމެފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށްވެސް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ.

"އައި.ޓީ ދާއިރާގެ ކަންކަން ހަރުދަނާކުރުމަކީ މިހާރުގެ ވަރަށް ބޮޑު އަމާޒެއް.. ހަރުދަނާކުރުމުގެ ތަރަހައަކީ ތަމްރީންކުރުންކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.. އެ ތަމްރީންތަކުގެ ތެރެއިން މިކަންކަން ހަރުދަނާވެއްޖެނަމަ ޒަމާންތަކަކަށް ދެމިގެންދާނެހެން މިކަމުގެ ފައިދާ ފެނިގެންދާނެ.." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، ރާއްޖޭގައި މީހުން ތަމްރީންކުރުމުގެ ދާއިރާ ފުޅާވެގެންދާއިރު، ތަމްރީންތަކުގެ ފެންވަރު ހިފެހެއްޓުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެންކަމުން ފަންނީ އެކިއެކި މަސައްކަތްތަކަށް މީހުން ބިނާކުރާއިރު، ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތައިގެން ކަންކަން ކުރުމަށް ޙާއްސަ އިސްކަމެއްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި ތަމްރީންކުރުމުގެ ފުރުޞަތުތައް ފުޅާވެގެންދާއިރު، މި ތަމްރީންތަކުގެ ފެންވަރު ހިފެހެއްޓުން މިއީ މުހިއްމުކަމެއް.. އެހެންވީމަ ފަންނީ ހުނަރުވެރި ދާއިރާތަކުން މީހުން ބިނާކުރުމުގައި ސަރުކާރުން އެ ކަނޑައަޅާފައިވާ މިންގަނޑަކަށް މީހުން ބިނާކުރުން، އެއީ މިހާރު އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭކަމެއް.." މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ކުދިންގެ އެކްސްޓާރނަލް އެސެސްމަންޓް ކުރިއަށްގެންދާނީ ޓިވެޓް އޮތޯރިޓީން ތައްޔާރުކުރާ ގައިޑްލައިނާއި އެއްގޮތަށްކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން ފަންޑުކޮށްގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގެ ދަށުން ހެލްތް މިނިސްޓްރީގެ ދަށުން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހުރިހާ އައި.ޓީ މުވައްޒަފުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.