ކަނޑުއުޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން އެލިއާއިން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީން ގުޅިގެން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއީ އެލިއާއިން ކުރިއަށްގެންދިޔަ މިފަދަ 11ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.
ތަފާތު ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީންގެ މައިގަނޑު މަގުސަދަކީ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރުތައް ތަރައްގީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުންކަމަށް އެލިއާއިން ވިދާޅުވެއެވެ.
މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން ބައިވެރިންނަށް އެކި ބާވަތުގެ ލޯންޗުތަކުގައި އިތުބާރާއެކު ދަތުރުކުރުމަށް ބޭނުންވާ އަމަލީ ހުނަރުތަކާއި، ކަނޑުމަތީގެ ގާނޫނާއި ގަވާއިދާއި، ނޭވިގޭޝަން ޗާޓް ރީޑިންގ އާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރަށް ފަސްޓް އެއިޑް، ފަޔަރ ސޭފްޓީ އަދި އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ޢަމަލީ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެލިއާއިން ވިދާޅުވެއެވެ.
އެލިއާއިން ހިންގަމުންދާ މިފަދަ ގިނަ ތަމްރީނުތަކުން ލިބޭ އަގުހުރި ޢިލްމާއި ހުނަރުތަކަށް ޝުކުރު އަދާކޮށް، މި ތަމްރީންގެ ސަބަބުން އެ ދާއިރާގައި ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިގެންގޮސްފައިވާކަން ތަމްރީންގެ ބައިވެރިން ވަނީ ފާހަގަ ކޮށްފައެވެ. މިތަމްރީން ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް އެލިއާއިން ވަނީ ސެޓްފިކެޓް ދީފައެވެ.
ކަނޑުމަތީގެ ސަލާމަތާއި އަމަލީ ތަމްރީނުތައް ހިމަނައިގެން ސިނާއަތުގެ މިންގަނޑުތަކަށް ފެތޭގޮތަށް، ތައްޔާރުކޮށްފައިވާ މިތަމްރީން މިހާ ކާމިޔާބުކަމާއެކު ނިންމާލުމުގައި ހިއްސާވި ފަރާތްތަކަށް އެލިއާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.