ޚަބަރު

ގދ. ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި


ގދ. ތިނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެކުއާމެރިން ހޮލިޑޭސް ކުންފުންޏާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި އެކުއާމެރިން ހޮލިޑޭސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ރަހުމާން މުޖުތަބާ އާދަމެވެ.

އެ ކުންފުންޏާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ދިވެހި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓެމަންޓް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ޖުމްލަ އަގަކީ 1.3 މިލިޔަން ދިވެހި ރުފިޔާއެވެ.

ކުނީގެ މައްސަލަ ނުވަތަ ރައްކާތެރިގޮތުގައި ކުނި ނައްތާ ނުލެވުމަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ރަށްރަށުގައި އެކަށީގެންވާގޮތެއްގައި ކުނި މެނޭޖު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ދެކުނުގެ އަތޮޅުތަކުގެ ރަށްތަކުގައި ކުނި މެނޭޖް ކުރުމުގެ ނިޒާމް ޤާއިމްކުރުމަށް ކޮރެއާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އަދި އުތުރުގެ ތިން ރަށެއްގައި މި ނިޒާމް ޤާއިމްކުރުމަށްވެސް މީގެ ކުރިން ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.