ޚަބަރު

ކުއްލި 5 މަރާއެކު ނޮޅިވަރަންފަރަށް ޝޮކެއް!


ކިތަންމެ ކަނޑު ގަދަޔަސް އެރަށު މީހުންނަށް އެއީ ޢާއްމުކަމެކެވެ. ހދ.ނޮޅިވަރަންފަރުގެ ރައްޔިތުން އެކި ބޭނުންތަކުގައި ދަތުރުކުރާ އެންމެ ޢާއްމު އެއްރަށަކީ ހަނިމާދޫއެވެ. ނޮޅިވަރަންފަރުން ފުރައިގެން ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުން ހަނިމާދުއަށް ދެވެއެވެ. ނޮޅިވަރަންފަރުން ހަނިމާދޫއަށް އެންމެގިނައިން މީހުން ދަތުރުކުރަނީ އެއަރޕޯޓަށް ދިއުމަށެވެ.

ޙުސެއިން ޢަބްދުﷲ އޭނާގެ ޢާއިލާގެ ބަޔަކާއެކު ހަނިމާދޫއަށް ފުރީވެސް ޢާއްމުކޮށް ކުރާފަދަ ކުރުދަތުރަކަށް ވާނޭކަން ޔަޤީންކޮށްގެންނެވެ. ޙުސެއިން ޢަބްދުﷲއަކީ ނޮޅިވަރަންފަރު ސްކޫލްގައި އެންމެ ގިނަދުވަސްވީ ޓީޗަރެވެ. އެރަށުގެ ގިނަބައެއްގެ ގަދަރު ލިބިފައިވާ ރަށުގެ ޢިއްޒަތްތެރިއެކެވެ. ނޮޅިވަރަންފަރު ސްކޫލަށް 50 އަހަރުފުން ފާހަގަކުރުމަށް ދާދިފަހުން ބޭއްވި ރަސްމިއްޔާތުގައި ޙުސެއިން ޢަބްދުﷲއަށް ވަނީ އެކަމުގެ ޝަރަފުގެ އެވޯޑު އަރުވާފައެވެ.

އޭނާ ހަނިމާދޫއަށް ކުރި ފަހުދަތުރު ވެގެންދިޔައީ އޭނާއާއި، އެކުގައި ދަތުރުކުރި އެޢާއިލާގެ އެހެން މީހުންގެ ޙަޔާތުގެ އެންމެ ފަހު ދަތުރަށެވެ. ލޯބިވާ އަންހެނުން މަރިޔަމްކަނިކެއާއި އެދެމަފިރިންގެ ހަމައެކަނި ދަރިފުޅު ޤުރައިޝާއާއި، ޤުރައިޝާގެ 3 އަހަރުގެ ލޯބިލޯބި ތުއްތު ދަރިފުޅުވަނީ އެމީހުން ދަތުރުކުރި ލޯންޗު ބަންޑުންޖަހާލި ޙާދިސާގައި މިދުނިޔެދޫކޮށްފައެވެ.

އެޢާއިލާގެ 4 މެމްބަރުންގެ އިތުރުން އެރަށުގެ އެހެން އަންހެނަކުވެސް މިޙާދިސާގައި ނިޔާވެފައިވެއެވެ.

9 މީހުންނާއެކު ދަތުރުކުރި ލޯންޗުގެ ކެޕްޓަނަކަށް ހުރީވެސް ނިޔާވި ޙުސެއިން ޢަބްދުﷲގެ ޢާއިލާގެ މީހެކެވެ. ލޯންޗު ބަންޑުންޖަހާލައި މީހުން ގެއްލުނު ކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތަށް ދިނީ އޭނާއެވެ. ލޯންޗު ބަންޑުންޖަހާލައި އެއިން ދަތުރުކުރި އެންމެ ކަނޑުވުމުން ފަތާފައިގޮސް ރަށަށް އަރައި އެމަޢުލޫމާތުދިނީ އޭނާއެވެ. އެއާއެކު ސިފައިން އެސަރަޙައްދަށްގޮސް މީހުން ހޯދުމުގެ މަސައްކަތްކުރިއިރު ރަށުގެ ޢާއްމުންގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ.

ހިތްގައިމު ޤުދުރަތީ ރީތިކަމެއް ލިބިފައިވާ ނޮޅިވަރަންފަރަކީ އެއްގަމު އުޅަނދުތައް ވަރަށްމަދު އެކުވެރިކަމާއެކު ދިރިއުލޭ ރައްޔިތަކު ދިރިއުޅޭ ރަށްފުށުގެ ހިތްގައިމު ޖަޒީރާރަށެކެވެ. ހަމަނުޖެހުމެއް ނުތަނަވަސްކަމެއް ދެކޮޅުވެރިކަމުގެ ހިލަމެއް ނެތް އުފާވެރި ރަށެކެވެ.

އެހެންނަމަވެސް ރަށުގެ 5 މީހެއްގެ ކުއްލި މަރާއެކު މުޅިރަށަށް ލިބިފައިވަނީ ކުއްލިޝޮކެކެވެ. ޤަބޫކުރަން ދަތި ހިތްދަތި މިހަޤީޤަތް އެމީހުންނާ ކުރިމަތިވީ މުސީބާތުގެ ޠޫފާނެއް ހެންނެވެ.

ނިޔާވި މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ރަށުގެ ގިނަބަޔަކު ހަނިމާދޫ ހޮސްޕިޓަލަށް ދިޔައެވެ. މިޙާދިސާއާގުޅިގެން ހަނިމާދޫ ހޮސްޕިޓަލުގެ މުވައްޒަފުންނަށްވެސް ވަނީ ވަރަށް ފުން އަސަރުތަކެއްކޮށްފައެވެ.

މުޅި ޤައުމަށް ހިމޭންކަން ވެރިކުރުވި މިޙާދިސާގައި ނިޔާވެފައިވަނީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ފޯވާޑް އިބްރާހީމް ވަޙީދު (އިއްބެ)ގެވެސް ޢާއިލާއެވެ. ޤައުމީޓީމާއެކު ލަންކާގައި ހުރި އިއްބެވަނީ މިހިތާމަވެރި ޚަބަރާއެކު އެނބުރި ޤައުމަށް އައިސްފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމް ވިދާޅުވީ މިއަދަކީ އެރަށަށް ހިތާމަވެރި ކަޅު ދުވަހެއްކަމަށެވެ. ވިއްސާރައާގުޅިގެން ހިނގި ފެންބޮޑުވުމުގެ ޙާދިސާއިން އަރައިނުގަނެވިގެން އުޅެނިކޮށް މިދިމާވީ އެއަށްވުރެ މާބޮޑު ހިތާމައެއްކަމަށް އޭނާ ވިދާޅުވިއެވެ. އެރަށުގެ ރައްޔިތުންތިބީ ނަފްސާނީ ގޮތުންވަރަށް ވަރަށްބޮޑަށް އަސަރުކޮށްފައިކަމަށާ، މިއީ ވަރަށް އުނދަގޫ ހިތްދަތި ދަނޑިވަޅެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހިތްދަތި ޙާދިސާއަށްފަހު ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިޙާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމާގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާއިން އެސަރަޙައްދަށް ޔެލޯއެލަރޓް ނެރެފައިވަނިކޮށް ކަމަށެވެ. އެހެންނަމަވެސް މިޙާދިސާ ހިނގިއިރު އެއްވެސް ފަރާތަކުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އެމްއެންޑީއެފުންވަނީ ފާހަގަކުރައްވާފައެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައިސްވަނީ އެސަރަޙައްދުގެ މޫސުން އަދިވެސް ރަނގަޅު ނޫންކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ޙާދިސާތަކުން އިބުރަތް ޙާސިލުކޮށް ހެދިފައިހުރި ގަވާއިދުތަކަށާއި ރައްކާތެރިވުމުގެ ގޮތުން ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭނާ އިލްތިމާސްކުރައްވައެވެ.

ވިސްނާލަންޖެހޭ ހަމަކީ މޫސުމަށް ނުބަލައި ކުރާ ދަތުރަކުން ދިމާވާ ހިތާމައެއް ދުވަހަކުވެސް ފޫބެއްދޭނެގޮތެއް ނޯންނާނެކަމެވެ. ރައްކާވެތިބިއްޔާ ކިތަންމެހާވެސް ދަތުރެކެވެ.