ސިޔާސީ

މިއީ ތަރައްޤީގެ ބޮޑެތި ނިންމުންތަކެއް ނިންމަންވީ ވަގުތެއް- ދުންޔާ


މި ހިނގާ ދެހާސް ފަނަރަވަނަ އަހަރަކީ ދުނިޔޭގެ ތަރައްޤީއާއި ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމަންޖެހިފައިވާ މުހިއްމު ވަގުތެއްކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދެއްވި ބަޔާނެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، އެއް ގޮތަކުން މި އަހަރު ވެގެންދާނީ، ދުނިޔޭގެ ތަރައްޤީއަށް މުހިއްމު ނިންމުންތަކެއް ނިންމާ އަހަރެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް، މި އަހަރު ތަރައްޤީއަށް މުހިއްމު ނިންމުންތަކެއް ނިންމުމުގެ ފުރުޞަތު ލިބި، އެ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފި، ހިނގައިދާނެކަމުގެ ބިރު އޮތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.ދުނިޔޭގެ ތިމާވެށި ދުވަހާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ އަޅުގަނޑުމެންގެ ބޭނުންތައް ފުއްދުމަށް އަޅުގަނޑުމެން އިސްކޮށްފައިވާ ވައްޓަފާޅި އެކަނި ނޫންކަމަށާއި، ދުނިޔޭގައި އިތުރުވަމުންދާ ތަފާތުކުރުންތައްވެސް މިއީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ޢަމަލުކުރުމަށް މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދެމެހެއްޓެނިވި ތަރައްޤީގެ މިންގަނޑުތަކާއި ބެހޭ ގޮތުން ދުންޔާ ވިދާޅުވީ، މިއީ އިންސާނިއްޔަތު ހިމާޔަތްކުރުމަށާއި ދެމެހެއްޓުމަށް ލިބިފައިވާ ބޮޑު ފުރުޞަތެއްކަމަށެވެ. އަދި މިއީ، އަޅުގަނޑުމެންގެ ތަރައްޤީގެ ސިޔާސަތުތަކަކީ ދުނިޔޭގެ ނާޒުކު ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތަކެއްގެ ގޮތުގައި ފަރުމާކުރުމަށްވެސް ލިބިފައިވާ ބޮޑު ފުރުޞަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.މީގެ އިތުރުން، ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، އަޅުގަނޑުމެންގެ ރާއްޖެ ފަދަ ބިން ތިރި ޤައުމުތަކުގެ ކުރިމަގަށް އޮތް ބޮޑު ނުރައްކަލެއްކަމަށްވެސް ވިދާޅުވި. އަދި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމާއި، ކަނޑުގެ ލޮނުކަން އިތުރުވުމާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ޤައުމުތަކުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް އެކަނި ނޫންކަމަށާއި، މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށާއި، އެ ޤައުމުތަކުގެ އިޤްތިޞާދުތަކަށްވެސް އޮތް ބޮޑު ގޮންޖެހުންތަކެއްގެ ގޮތުގައި މިނިސްޓަރ ދުންޔާ ސިފަކުރެއްވިއެވެ.އަދި މި ކަންކަމާއިމެދު ބައިނަލްއަޤްވާމީ މުޖުތަމައު ހޭލުންތެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް މި ބަޔާނުގައި ހާރިޖީ ވަޒީރު ދުންޔާ ވަނީ ވިދާޅުވެފައެވެ.