ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ މިހާރުން މިހާރަށް ދޫކޮށްލާ ނަމޫނާ ދައްކަންޖެހޭ - އަމީން


ރާއްޖެ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ވަބާއިން ސަލާމަތްކުރުމަށް ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ އެންމެހާ ފަރާތްތަށް މިނުރަނގަޅު އާދަ މިހާރުން މިހާރަށް ދޫކޮށްލުމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިފަދައިން ގޮވާލައްވާފައިވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުުރުން ކޮންޓްރޯލްކުރުމަށް 2017 އިން މިއަހަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ "އެމްޕަވަރ" މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ބްލޫމްބަރގް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް"އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ އެމްޕަވަރ މަޝްރޫޢު ނިންމުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް، ނިމިދިޔަ ތަނުގައި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް މި ސަރުކާރު ވެރިކަމާއި ހަވާލުވެ ނިންމާފައިވާކަމަށެވެ. އެގޮތުން ވަކިން ސިނގިރޭޓު ވިއްކުން މަނާކުރުމާއި، ފޮޓޯއާއި އިންޒާރުޖެހުން މަޖުބޫރުކުރުމުގެ ޤަވައިދަށް އަމަލުކުރަންފެށުމަކީ މި މަސައްކަތްތަކުގެ ހެތްކެތްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު ޙާޞިލް ކުރެވުނު އެއްކަމަކީ، ފޮޓޯ ޖެހި ޞިއްޙަތުގެ އިންޒާރު ތަޢާރަފުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިކަމުގައި ސަރުކާރުން ދެއްކެވި ސާބިތުކަމަކީ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކޮންމެކަމެއް ފަސް ޖެހުމެއްނެތި ކުރާނެކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ގިނަ ޤަވައިދުތަށް ހެދިކަމުގައިވިޔަސް، މުޖުތަމައުގައި އިސްދައުރެއް އަދާކުރާ ފަރާތްތަށް މިވަބާއިން ސަލާމަތްނުވެ މި އަމާޒަށް ވާސިލްނުވެވޭނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މިފަދަ ނަމޫނާ ދެއްކެވުމަށް މިނިސްޓަރ އަމީން ވަނީ ގޮވާލައްވާފައެވެ. މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ މީޑިއާތަކުން ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް އަމިއްލަ އިސްނެގުމަކާއިއެކު މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ގިނަ ޤަވައިދުތަށް ހެދިކަމުގައިވިޔަސް، މިކަމެއް ކާމިޔާބެއް ނުވާނެ. މިކަން ހާސިލުވާނީ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ އެންމެހާ ފަރާތްތަށް މިނުރަނގަޅު އާދަ މިހާރުން މިހާރަށް ދޫކޮށްލުމުން. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މިފަދަ ނަމޫނާ ދައްކަންޖެހޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

2017 ވަނަ އަަހަރުން މިއަހަރުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ޑިވެލޮޕް އެންޑް ސްޓްރެންގްތެން ޓޮބޭކޯ ކޮންޓްރޯލް ޕޮލިސީ އިންމޯލްޑިވްސް ޓު އެޗީވް އެމްޕަވަރ" މަޝްރޫޢުއަށް "ބްލޫމްބަރގް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް"އިން 1 ލައްކަ އެމެރިކާ ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

އެމްޕަވަރ އަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯކް"ގެ ސިޔާސަތުތަކަށް ކުރުގޮތަށް ކިޔާގޮތެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ދުންތުގެ އިސްތިއުމާލުކުރުމުގެ ހާލަތާ ތަފާސް ހިސާބުތައް އެއްކުރުމާއި މޮނީޓަރ ކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަން ބޭނުންވާ ފަރާތްތަކަށް ސިޒޭޝަންގެ ޚުދުމަތް ދިނުމާއި، ހޭލުންތެރިކުރުމުގެ އިތުރުން ދުންފަތުން ޓެކްސް ނެގުމުގެ މަސަކަތް ކާމުޔާބުކަމާއެކު ވަނީ ކުރިއަށްގެންގޮސްފައެވެ.