ވިޔަފާރި

ފަތުރުވެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު- އެމްއެމްޕީއާރުސީ


ފާއިތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރެއިން ވެސް ފަތުރުވެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުކަމަށް އެމްއެމްޕީއާރްސީއިން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

އެގޮތުން އޮގަސްޓުމަހުގެ 25 ގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށާއި މިއީ މިދިޔަ 5 އަހަރު ދުވަހުގެ ތެރޭވެސް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި ހަމަސް ކަމަށް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

"މިދިޔަ ފަސް އަހަރު ތެރޭ އެންމެ ރަނގަޅު ކުރިއެރުމެއް އައިސްފައިވަނީ މިއަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި. އެއީ %19 ގެ ކުރިއެރުމެއް. މިއީ 2010 ވަނަ އަހަރުން ފެށިގެން އެންމެ ރަނގަޅު ކުރިއެރުމެއް ލިބުނު އަހަރު. އަޅުގަނޑުމެންގެ ޓްރެޑިޝަނަލް މާކެޓްތަކަށް ބަލާއިރު ފުދޭވަރެއްގެ ކުރިއެރުމެއް ލިބިފައިވޭ އިޓަލީ، ޖަރުމަން، އަދި ޔޫކޭ ގެ މާކެޓަށް ލިބިފައިވޭ." ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިޓަލީގެ މާކެޓުންކަމަށެވެ. އެގޮތުން އިޓަލީއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %34 އިތުރުވެފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ތޮއްޔިބު ވިދާޅުވީ މިހާބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިޓަލީގެވެސް އިޤްތިޞާދު ރަނގަޅުވުމާއިއެކު އެމްއެމްޕީއާރްސީން އިޓަލީގައި ހިންގި މާކެޓިންގ މަސައްކަތްތަކާއެކުކަމަށެވެ.

"މިއީ އިޓަލީގެ ވެސް އިކޮނޮމީ ރަނގަޅުވުމާއި އަޅުގަނޑުމެންނަށް ވެސް ޕީއާރ އެއް އެތާނގައި ބެހެއްޓުމާއި މީގެ އިތުރަށް ތަފާތު ގިނަ ހަރަކާތަޖެއް އިޓަލީގެ މި މާކެޓަށް އަމާޒުކޮށްގެން ހިންގިފައިވުމުން އައިސްފައިވާ ނަތީޖާއެއްކަމަށް ޤަބޫލުކުރެވޭ." ތޮއްޔިބު ވިދާޅުވިއެވެ.

އިޓަލީއަށްފަހު ދެން އެންމެ ރަނގަޅު ކުރިއެރުމެއް ލިބިފައިވަނީ ޖަރުމަނު އަދި އިނގިރޭސިވިލާތުގެ މާކެޓުންނެވެ. ޖަރުމަނު ވިލާތުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ މިންވަރު %20 އަށް އިތުރުވެފައިވާއިރު އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ %13 އަށް އިތުރުވެފައެވެ.

އިތުރު މާކެޓްތަކަށް ބަލާއިރު ޗައިނާ އުޅެނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައެވެ. މިދިޔަ 6 މަސް ދުވަހު ޗައިނާއިން ރާއްޖެއަށް 140،000 ޒިޔާރާތްކޮށްފައިވެއެވެ.

އިންޑިއާއިން ވެސް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ވެސް މިމާކެޓުން %100 ގެ ކުރިއެރުން ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީން ބުނީ އޮސްޓްރެއިލިއާ އަދި އެމެރިކާގެ މާކެޓަކީ ވެސް ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެއްކަމަށެވެ. އެހެންކަމުން، ކުރިއަށްއޮތް ތަނުގައި މި ޤައުމުތަކަށް އަމާޒުކޮށްގެން މާކެޓިންގ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރުތެރޭ އެމްއެމްޕީއާރްސީން 12 މާކެޓުން 15 ޓްރެވެލް ޓްރޭޑް ފެއަރގައި ބައިވެރިވެފައިވާއިރު 5 ރޯޑް ޝޯވ އަދި 13 މީޑިއާ ފޭމް ޓްރިޕްސް ކުރިއަށްގެންގޮސްފައިވެއެވެ.