ޚަބަރު

މަޖިލިސް އިންތިޚާބާއި ދިމާކޮށް އެއްވެސް ކުށްވެރިއަކަށް، ރައީސް މަޢާފް ދެއްވާފައިނުވާނެ - ހޯމްމިނިސްޓަރ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް އެއްވެސް ކުށްވެރިއަކަށް ރައީސުލް ޖުމްހޫރިއްޔާ މަޢާފް ދެއްވާފައި ނުވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާއަށް މަޢާފުނުދެވޭނެ އެއްވެސް ކުއްވެރިޔަކު ޖަލުން ދޫކުރިތޯ ބެއްލެވުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ އިންތިޚާބާއި ދިމާކޮށް ރައީސުލް ޖުމްހޫރިއްޔާ އެއްވެސް ކުށްވެރިއަކަށް މަޢާފް ދެއްވާފައި ނުވާކަމަށެވެ.

ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކާއި ރާއްޖޭގައިވެސް ނުހައްޤުން ޖަލަށްލާފައިތިބޭ ފަރާތްތަކަށް އަދަބުލުއިކޮށް މަޢާފް ދެއްވުމުގެ އުސޫލަކީ އަމަލުކުރަމުންދާ އުސޫލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނުހައްޤުން ޖަލުގައި ތިބި މިފަދަ މީހުންގެ ޙާލަތު ދެނެގަނެ މީގެތެރެއިން 206 ކުށްވެރަކު ޤާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ އަދަބުލުއިކުރުމާއި މަޢާފްކުރުމުގެ ޤާނޫނުގެ ދަށުން ދޫކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ތެރޭގައި މަޢާފް ނުދެވޭ ކުށްތަކުގެ ތެރޭގައި ހިމެނޭ މީހަކު މެރުމާއި، އިސްލާމީ ޝަރީއަތުގެ ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޓެރަރިޒަމާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގުމުގެ ކުށްތަކުގެ އިތުރުން އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގައި ޖަލަށްލާފައިވާ މީހުންނަށް މަޢާފް ދެއްވާފައިނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މީގެ ތެރޭގައިހިމެނޭ 79 ކުށްވެރިއެއްގެ އަދަބު ލުއިކޮށްދީފައިވާކަން މިނިސްޓަރ ފާހަނގަކުރެއްވިއެވެ.

ޖަލުތަކުގެ ނިޒާމު ބައްޓަން ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވަމުން މިނިސްޓާރ ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ މީހުން ކުށްތަކުން ސަލާމަތްކުރުމަށް ތަފާތުއެކި ރިހެބިލިޓޭޝަން ޕްރޮގުރާމުތައް ހިންގައި ބޮޑެތި ކުށްތަކުން ޖަލުގައިތިބި ގައިދީން ސަލާމަތްކުރުމަށް ޚާއްސަ އަހަމިއްޔަތު ކަމެއްދެއްވާކަމަށެވެ. މިފަދަ ކުށްވެރިން މުޖުތަމައަށް ނެރޭއިރު ސަރުކާރުން ޔަގީންކުރަން ބޭނުންވަނީ މިފަދަ މީހުންނަކީ އެމީހުންގެ ފަރާތުން މުޖުތަމައަށް އެއްވެސް ނުރައްކަލެއް ނެތްބަޔަކަށް ވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޖަލުތަކުގައި ތިބި ކުށްވެރިންނަށް ޔޫއެންއޯޑީސީއާ ގުޅިގެން ޚާއްސަ ޕްރޮގުރާމްތަކެއް ހިންގެމުންދާއިރު، މި ޕްރޮގުރާމުގެ ސަބަބުން ކުށްވެރިން މުޖުތަމައުއަށް ނެރޭއިރު ބޮޑެތި ބަދަލުތަކެއް އަންނާނޭކަމަށް އުންމީދުކުރައްވާ ކަމުގައި މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.