ވިޔަފާރި

މިއަހަރުގެ މިހާތަނަށް ގްރީން ފަންޑަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ


މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު ގްރީން ފަންޑަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ނިޔަލަށް ގްރީން ފަންޑަށް 508 މިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. އަދި މީގެ ތެރެއިން މިހާތަނަށް 165 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ގްރީން ފަންޑުގައި ބާކީ 343 މިލިއަން ރުފިޔާ އެބަހުރިކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ގްރީން ފަންޑަށް މިއަހަރުގެ މިހާތަނަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އެންމެ ގިނައިން މިފަންޑަށް ފައިސާ ޖަމާވެފައިވަނީ މާޗްމަހާއި އޭޕްރީލްމަހުއެވެ. އެގޮތުން ކޮންމެ މަހަކު 83 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެންމެ މަދުން ގްރީން ޓެކްސް ލިބުނީ ނިމުނު ޖުލައިމަހުއެވެ. އެއީ 49 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސްއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ބޮލަކަށް 6 ޑޮލަރުގެ ރޭޓުން ނަގާ ޓެކްސްއެކެވެ.

ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން ރިސޯޓް، ހޮޓާ، ގެސްޓް ހައުސް އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ކަނޑުއުޅަނދުތަކުން ގްރީން ޓެކްސް ނަގައެވެ.