ޚަބަރު

ޤާނޫނީ ސަރުކާރު ނަގަހައްޓާނެކަމުގެ އިތުބާރާއި ޔަޤީންކަން ފުލުހުންގެމައްޗަށް އެބައޮތް - ހޯމްމިނިސްޓަރ


ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ނަގަހައްޓައި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ފުލުހުންގެމައްޗަށް އެބައޮތްކަމުގައި ހޯމް މިނިސްޓަރ އިމްރާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހަތެއް ފެބުރުއަރީ 2012ގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ 2004ވަނަ އަހަރު ފުރުލުހުންގެ މުވައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި ވަކިކުރި ހިސާބުން ފެށިގެން މިއަދާއިހަމަޔަށް ގިނަ ކަންތައްތަކެއް ރަނގަޅުކުރުމަށް މަސައްކަތް ކުރެވިފައިވާކަމަށެވެ.

ފުލުހުންގެ މުއައްސަސާއަކީ ތަޢުލީމާއި ތަމްރީނުގެ ގޮތުން އެންމެފަހުގެ ހުނަރާއި ތަޢުލީމު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވުނު މަސައްކަތްތަކުގައި މިހާތަނަށް ގިނަ ޢަދަދެއްގެ އޮފިސަރުން ތަމްރީން ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބުމަކީ ފުލުހުންގެ އެންމެ މައިގަނޑު އަސާސެއްކަމަށާއި، މިމަގަށް ވާސިލްވުމަށްޓަކައި، 5 އަހަރުގެ ސްޓެޓެޖިކް ޕްލޭނެއް އެކުލަވާލެވި ތަންފީޒުކުރުމުގެ މަރުޙަލާ ކުރިއަށްދާ ކަމުގައިވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. ފުލުހުންގެ މުވައްސާގެ މަސައްކަތްތައް މިހާރު ބައްޓަން ކުރެވިފައިވާ ގޮތުންނާއި ޤާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކުރާ ޤާނޫނީ ސަރުކާރު ނަގަހައްޓައި، ރައްޔިތުންގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ފުލުހުންގެ މައްޗަށް އެބައޮތްކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންނަކީ އަބަދުވެސް އެންމެފަހުގެ ތަޢުލީމާއި ތަމްރީން ބޭނުންވާ ބަޔަކަށްވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތަމްރީނާއި ތަޢުލީމުހޯދުމަށް ފުލުހުންގެ އެކި ލެވެލްގެ ބޭފުޅުންގެ މިހާރުވެސް ޙަރަކާތްތެރި ވަމުންދާކަމަށް މިނިސްޓަރ ފާހަނގަކުރެއްވިއެވެ.