ޚަބަރު

ހޯމްމިނިސްޓަރާ ސުވާލުކުރުން މާދަމާގެ މަޖިލީހުގައި!


ރައްޔިތުންގެ މަޖިލީހުގެ ކާޝިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރާއި ތުލުސްދޫދާއިރާގެ މެންބަރު އިބްރާހީމް ނަސީމް، ހޯމް މިނިސްޓަރާ ސުވާލުކުރެއްވުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ހޯމްމިނިސްޓަރ އިމްރާން އަބްދުﷲއާއި ސުވާލުކުރެއްވުމަށް ދެމެމްބަރަކު އެދިވަޑައިގެންފައިވާތީ މާދަމާގެ ޖަލްސާގައި ސުވާލުކުރެއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

އިމްރާނާ ސުވާލުކުރެއްވުމަށް ޖާބިރު ހުށަހަޅުއްވާފައިވަނީ 2012ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހައެއް، ހަތެއް އަދި އަށްވަނަ ދުވަހު ހިނގައިދިޔަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް ފުލުހުންގެ ތެރެއިން ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯއާއި އަދި ފުލުހުންގެ ޢިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކޮށްދިނުމަށް އެދިއެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މިނިސްޓަރާއި ކުރައްވާ ސުވާލަކީ މަޖިލިސް އިންތިޚާބުގެ ދުވަސްވަރުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޢާފުނުދެވޭނެ އެއްވެސް ކުއްވެރިޔަކު ޖަލުން ދޫކުރިތޯ ބެލުމަށެވެ.
މިމައްސަލާގައި މިނިސްޓަރ އިމްރާންއާ ސުވާލުކުރުމަށް މިހަފްތާގެ ހޯމަދުވަހަށްވެސް މަޖިލީހުގައިވަނީ އެޖެންޑާކޮށްފައެވެ. ނަމަވެސް އެދުވަހު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން، އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވުމަށް ވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ.

މިއީ މިނިސްޓަރ އިމްރާން މަޖިލީހަށް ހާޒިރުކުރާ 3 ވަނަ ފަހަރުކަންވެސް ފާހަނގަކޮށްލެވެއެވެ.