ޚަބަރު

މާޅޮހަށް ހަދިޔާކުރި ފެނުގައި ގަސް އިންދާ ނިޒާމު، ބޭނުންކުރަން ފަށައިފި


ރަށުގައި ތިބެގެން ދަނޑުވެރިކަމުން މަންފާ ހޯދޭނެމަގު ފަހިކޮށްދިނުމަށް މިނިސްޓްރީއޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބ.މާޅޮހަށް ހަދިޔާކުރި ފެނުގައި ގަސް އިންދާ ނިޒާމު ނުވަތަ ހައިޑްރޮފޯނިކްސް ސިސްޓަމްތައް ބޭނުންކުރަންފަށައިފިއެވެ. މިޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދެވެ.

ހައިޑްރޯޕޯނިކްސް ނުވަތަ ފެނުގައި ގަސްއިންދުމުގެ ޕްރޮގްރާމަކީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ މިންވަރަށް އެކަށީގެންވާ ޖާގަ ނެތް ފަރާހަތްތަކަށް، ގޭގެ ފޫޓު ތެރޭގައި ކުޑަ ބިންކޮޅެއްގައި ދަނޑުވެރިކަން ކޮށް އެއިން ނަފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް އެގްރިކަލްޗަރ މިނިސްޓްރިއިން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފިޝަރީޒް މިނިސްޓްރީން ރަށްރަށަށް މާލީ އެހީއާއި ތަމްރީން ދީގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މިފަހަރުގެ ބުރު ކުރިއަށް ގެންދިޔައީ ބ.މާޅޮހުގައެވެ. ފެނުގައި ގަސް އިންދާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމްގައި މާޅޮހުން 25 ފަރާތަކުން ބައިވެރިވެރިވެ ކޯސް ފުރިހަމަކުރިއިރު، ހޮވާލެވުނު 10ގެއަށްވަނީ ހައިޑްރޯޕޯނިކްސް ސިސްޓަމް ހަދިޔާކޮށްފައެވެ. އަދި މި ސިސްޓަމްތަކުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއިއެކުވަނީ ގަސްހައްދާފައެވެ.

މި ސިސްޓަމްތައް ބޭނުންކުރަން ފެށުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޒަހާ ވަހީދެވެ. މިނިސްޓަރވަނީ މި ސިސްޓަމް ބޭނުންކޮށްގެން ބ.މާޅޮހުގައި ފުރަތަމަ ހެއްދި ލެޓުއުސް ކަނޑުއްވާފައެވެ. އަދި އަލަށް ގަސް ހައްދާ ސިސްޓަމްތަކުގައި ގަސް އިންދައިދެއްވާފައެވެ.

މިނިސްޓަރ ޒަޙާ ވަހީދުވަނީ ހައިޑްރޮޕޯނިކްސް ނުވަތަ ފެނުގައި ގަސް އިންދުމުގެ ތަމްރީން ޕްރޮގްރާމުން ތަމްރީންވި ފަރާތްތަކަށް އެކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
ސެޓްފިކެޓް ޙާވަލުކޮށްދެއްވައި ވަހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ދަނޑުވެރިކަމުގެ މި މަސައްކަތަކީ ކުޑަ ޖާގައެއްގައިވެސް މިކަންކޮށް އާމްދަނީ ހޯދިދާނެ މަސައްކަތެއްކަމަށެވެ. އަދި ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހައިޑްރޮޕޯނިކްސް ސިސްޓަމާއި، ސިސްޓަމް ބެހެއްޓުމާއި، މިކަމަށް ތަމްރީން ދީގެން މީގެ ސިސްޓަމެއް ބެހެއްޓުމަށް 37ހާސް ރުފިޔާ އެބަ ޚަރަދުވޭ. ނަމަވެސް އަމިއްލައަށް ކުރާނަމަ މި އަގު ހަތާވީސް ހާސް ނުވަތަ އަށާވީސް ހާހަށް ކުޑަވޭ." މިނިސްޓަރ ވިދާޅުވިއެވެ.

ގަސް އިންދާނެ ގޮތް ދަސްކޮށްދިނުމުގެ މިކޯހަކީ 2 ހަފްތާއަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. ކޯހުގައި ކިޔަވައިދެއްވުމުގައި އިސްކޮށް އުޅުއްވި އެގްރިކަލްޗަރ މިނިސްޓްރީގެ ސީނިއަރ ފީލްޑް އޮފިސަރ ޚާލިދު ޔޫސުފް ވިދާޅުވީ މިކޯހުގައި ސިސްޓަމްތައް ބޭނުންކޮށްގެން ގަސް ހައްދާނެގޮތާއި، ތަފާތު ބާވަތްތަކުގެ ގަސް ހައްދާނެ ގޮތައް ކިޔައިދިންކަމަށެވެ.

" ފެނުގައި ގަސް އިންދުމާއި އަދި ބޮބި ކުނޑި ބޭނުންކޮށްގެންނާއި، ފަސްގަނޑުގައި ގަސް އިންދާނި އެކި އުކުޅުތައްވެސް ކޯހުގައި ދަސްކޮށްދިނިން." ޚާލިދު ވިދާޅުވިއެވެ.

ހައިޑްރޮފޯނިކް ސިސްޓަމްތަކުގައި މިހާތަނަށް އިންދާފައިވަނީ ލެޓިއުސްއާއި، ކިއުކަމްބާއާއި، މެލަންފަދަ ބާވަތްތަކެވެ.

ގަސް ހައްދާ ފަރާތްތައް ހައްދާ އުފެއްދުންތައް ވިިއްކައިގެން އާމްދަނީ ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ގެސްޓްހައުސްތަކާއި، ބ،އަތޮޅުގައި ހިންގާ ރިސޯޓްތަކާއި ޓްއަރިޒަމް މިނިސްޓްރީއާއެކުވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ.