ޚަބަރު

އުކުޅަހުގައި ބޭއްވި ސައިންސްވެރިންގެ މަހާސިންތާ އާއި ޓެކް ފެއަރ ނިންމާލައިފި


އއ.އުކުޅަހުގައި ތިންދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ސައިންސްވެރިންގެ މަހާސިންތާއާއި އުކުޅަސް ޓެކްފެއަރ ނިންމާލައިފިއެވެ.

ގިނަ ޢިލްމީ ބޭބޭފުޅުން ބައިވެރިވެވަޑައިގަތް މިކޮންފަރެންސް ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝިދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިހިސާބުން މި ކޮންފަރެންސް ނިމުނު ނަމަވެސް ކުރިއަށް އޮތްތަނުގައިވެސް ކޮންވެސްޝަން ސެންޓަރަކީ ކޮންފަރެންސް އަދި ވޯކްޝޮޕްފަދަ ކަންކަން ކުރިއަށްގެންދިޔުމަށް އެންމެ ފުރިހަމަ އެއްތަން ކަމުގައެވެެ.

އެގޮތުން އުކުޅަހުގެ ކައުންސިލުންވެސް ކޮންވެންޝަން ސެންޓަރުން ގިނަ ފައިދާތަކެއް ލިބޭނެ ކަމުގެ އުންމީދު ކުރައްވާނެކަމަށް ޔަގީން ކުރަށްވާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ ކޮންފަރެންސްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދަން ބޭނުންވާ ފާރާތްތަކަށް އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އެންމެ ފުރިހަމަތަންކަން ސިފަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ އުކުޅަހަކީ އަބަދުވެސް އައު ކަންކަމާއި އީޖާދުތަކަށް އިސްކަމެއްދޭ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވާފައެވެ. އަދި ޕްރޮފެސަރު އުގައިލާ ބައްދަލުވެ މިފަދަ ބޮޑުކަމެއް އުކުޅަހުގައި ކުރިއަށްގެންދެވުމަކީ ރަށުގެ ރައްޔިތުންގެ ވަރަށްބޮޑު ނަސީބެއްކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްރޮފެސަރ އުގައިލް ވިދާޅުވީ މިފަދަ ބޮޑުކަމެއް މިހާ ފުރިހަމަކޮށް ނިންމާލީ ޢަދަދު ނުކުރެވޭހާ ގިނަ ބައެއްގެ އެހީއާއެކުކަމަށެވެ. އަދި ސަރުކާރުގެ އެހީއާއި އިންޑިއާ ސަރުކާރުން ކޮންވެންޝަން ސެންޓަރ އެޅުމަށް ވެދެއްވި އެހީ ފާހަގަކުރެއްވިއެވެ. އަދި އުކުޅަހު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަންވެސް އުގައިލްވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކޮންފަރެންސްގެ ތެރެއިން ހޮވާލެވުނު ފަރާތްތަކަށް "ބެސްޓް ޕޭޕަރ އެވޯޑް" ދީފައެވެ. އަދި މިކަމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންވަނީ "އެޕްރިސިއޭޝަން އޮފް ހާޑް ވޯކް އެންޑް ޑެޑިކޭޝަން" އަރުވާފައެވެ.