ޚަބަރު

އެންސްޕާގެ ހިންގުން ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި


ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ހިންގުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސްގެ ދަށަށް ބަދަލުކޮށްފިއެވެ.

މިގޮތަށް ބަދަލުވެފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ހިންގުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސްގެ ދަށަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.
އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު ހުށައެޅުއްވި އިޞްލާހުގެ ބިލް ފާސްކުރީ މި އޯގަސްޓުމަހުގެ 21ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅުއްވި މިއިޞްލާހުގައިވަނީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ކަންކަން، ޞިއްޙަތާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ވުޒާރާއާ ޙަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާކަމަށްވާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ބަދަލުކުރުމަށެވެ.

2011ވަނަ އަހަރު އެންސްޕާ އުފެދުނީއްސުރެ އެންސްޕާ މިހާތަނަށް ހިންގަމުން އައިސްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މިސަރުކާރުން ވަނީ އިޖުތިމާޢީ ޚިދުމަތްތަކަށް ޚާއްޞާ ވުޒާރާއެއް އުފައްދަވާފައެވެ. އެންސްޕާ ހިންގުން ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެންސްޕާގެ ދަށުން ހިނގަމުންދިޔަ ބައެއް ތަންތަނުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ކުރިއަށްގެންދާގޮތަށް ބަދަލުކުރައްވާފައެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މިއަދުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. ޖެންޑަރ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުވިނަމަވެސް އެ އިދާރާގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެންސްޕާއިން ވަނީ ވިދާޅުވެފައެވެ.