ޚަބަރު

ޣައްޒާގެ 2 ޗެކްޕޮއިންޓަކަށް ދިން ޙަމަލާތަކެއްގައި ފަލަސްޠީނުގެ 3 އޮފިސަރުން ޝަހީދުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ޖަހާފައިވާ ފުލުހުންގެ ދެ ޗެކްޕޮއިންޓަކަށް ދިން ޙަމަލާތަކެއްގައި ފަލަސްޠީނުގެ 3 އޮފިސަރުން ޝަހީދުވެއްޖެއެވެ.

ފަލަސްޠީނުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ޣައްޒާގައި ދިން ޙަމަލާގެ ސަބަބުން ފަލަސްޠީނުގެ އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާޢަތުންވަނީ އެ ސަރަޙައްދުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ.

ފަލަސްޠީނުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު އިޔާދް ޢަލް ބޮޒާމް ވިދާޅުވީ ޣައްޒާގެ ސަލާމަތީ ބާރުތަކުން މިހާރުދަނީ މި ޙަމަލާގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތްކުރަމުންކަމަށާއި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް އޭނާ ދެއްވާފައެއްނުވެވެ. އިޔާދް ވިދާޅުވީ މިފަދަ ލާއިންސާނީ އަނިޔާވެރި ޙަމަލާއެއް ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރަންޖެހޭ ހުރިހާ ކަމެއް ފަލަސްޠީނުގެ ކަމާ ބެހޭ ފަރާތްތަކުން ކުރާނެކަމަށެވެ.

މި ޙަމަލާގެ ފަހަތުގައިވަނީ އިސްރާއީލުކަމަށް ބެލެވޭއިރު، މި ޙާދިސާއާ އިސްރާއީލާ އެއްވެސް ގުޅުމެއްނެތްކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ބުނެފައެވެ. އެހެންނަމަވެސް، މިދިޔަ ހޯމަ ދުވަހު އިސްރާއީލުންވަނީ ލުބުނާނުގެ ދެ ސަރަޙައްދަކަށް ޑްރޯން ބޭނުންކޮށްގެން ޙަމަލާ ދީފައެވެ.

ޑްރޯން ބޭނުންކޮށްގެން ލުބުނާނުގެ ސަރަޙައްދުތަކަށް އިސްރާއީލުން ދިން ޙަމަލާތަކަކީ ހަނގުރާމަ އިޢުލާނުކުރުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރެވިދާނެކަމަށް ލުބުނާނުގެ ރައީސް މިޝެލް އައުންވަނީ ވިދާޅުވެފައެވެ. މި ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި އަނެއްކާވެސް ނުތަނަވަސްކަން އުފެދިފައިވާއިރު، ލުބުނާނުންވަނީ އިސްރާއީލުގެ މި ޢަމަލަކީ ހަނގުރާމައިގެ ޢަމަލެއްގެ ގޮތުގައި ޤަބޫލުކުރާކަމަށާއި މިކަމުގެ ސަބަބުން ލުބުނާނުގެ ސިޔާދަތާ މިނިވަންކަން ދިފާޢުކުރުމަށް އެ ޤައުމަށް މަޖުބޫރުވާނެކަމަށްވެސް ބުނެފައެވެ.