ޚަބަރު

އުކުޅަހުގެ ޑައިވިން ސެންޓަރ ރައީސް ނަޝީދު ހުޅުއްވައިދެއްވައިފި


އުކުޅަހުގައި ޤާއިމްކޮށްފައިވާ "މުރަކަ ބޭ މޯލްޑިވްސް" ޑައިވިން ސެންޓަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ނަޝީދު އެ ސެންޓަރު ހުޅުއްވައިދެއްވީ އެމަނިކުފާނު އއ.އުކުޅަހުގައި ކުރިއަށްދިޔަ ސްކީމާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. އެތަން ހުޅުއްވައިދެއްވުމަށްފަހު ރައީސް ނަޝީދުވަނީ އެސެންޓަރުގެ ޑައިވަރުންނާއެކު ޑައިވް ޙަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ނަޝީދު އއ.އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެވަނީ އެރަށުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޙަރަކާތެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ. ރައީސް ނަޝީދު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ސްކީމާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓުއުޓްގެ ފަރާތުން ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅުއްވައި ދެއްވާ ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށްގެންދަވާފައެވެ.

މިކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ، ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވާއިރު ފަރުތަކަކީ އެރަށްތަކުގެ ޙިމާޔަތްކަން ފާހަގަކުރައްވައި މުރަކަ ޙިމާޔަތްކޮށް އާލާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާކަންވެސް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ ތައްޤީއަށް ހިންގޭ މަޝްރޫއުތަކަކީ އެކަމުގެ ސަބަބުން ފަރުތަކަށް އޭގެ ނޭދެވޭ އަސަރުނުކުރާނެފަދަ ކަންކަމަށް ހެދުމަށް އެޖަމްމިއްޔާއިން ބާރުއަޅާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އުކުޅަހުގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ކޮންފަރެންސާއި ޓެކްފެއަރ ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންގޮސްފައެވެ. ފެއަރގެ ތެރެއިން ގިނަ މަޢުލޫމާތުތަކެއް ބަދަލުކޮށްފައިވާއިރު ޕްރޮފެސަރ އުގައިލްގެ ޕްޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅާފައެވެ.