ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ މުޅި ޝަރުއީ ދާއިރާގެ އިސްޙީ މަސައްކަތުގެ ފެށުން ކަމުގައި މަޖިލިސް މެމްބަރުން ސިފަކުރައްވައިފިއެވެ.
ފަޑިޔާރު ޢަބްދުﷲ ދީދީއާއި ގުޅޭގޮތުން ޖޭއެސްސީ ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިމައްސަލައިގެ ސީރިއަސްކަމާއި، ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ. މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ފާއިތުވެދިޔަ 5 އަހަރު ރާއްޖޭގެ ފަޑިޔާރުގެތަކުން ކުރަމުންދިޔަ ޤާނޫނާއި ޙިލާފް ހުކުމްތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނާއި، ދުނިޔޭގެ އިތުބާރުވެސް ޝަރުއީ ދާއިރާއަށް ގެއްލިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އަބްދުﷲ ދީދީ އިސްކޮށް ހުންނަވައިގެން ސިޔާސީ މަންފާތަކެއް ހާސިލް ކުރެއްވުމަށް ކުރައްވަމުންދިޔަ ހުކުމްތަކަކީ އެތަކެއް ރައްޔިތުންގެ ޙައްޤުތަކެއް ގެއްލިގެންދިޔަ ޙުކުމްތަކެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވީ އަދުއިންސާފަކީ ކޮންމެވެސް ދުވަހަކުން ކޮންމެ މީހަކާއިވެސް އަރާހަމަކުރާނެ އެއްޗެއްކަން މިއަދު ކަށަވަރުވާނެކަމަށެވެ. ފަޑިޔާރުގޭގައި ޢަބްދުﷲ ދީދީ ފަދައިން ޤާބިލް ނޫންބަޔަކު އަދިވެސް އެބަތިއްބެވި ކަމަށާއި، އެފަރާތްތައްވެސް ވަކިކުރުމަކީ ރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ރައްޔިތުންގެ އިތުރުބާރު ލިބޭނީ އިންސާފުވެރިކަމާއި، އަދުލުވެރިކަމާއިއެކު ޝަރީއަތް ކުރާނެ ބަޔަކު ތިބެގެންކަމަށް އަލީ ހުސެއިން ވިދާޅުވި. ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ، ފަޑިޔާރުން ވަކިކުރެވޭނެ އުސޫލުތަކާއި ހަމަތަކުގެ މަތިން މިމައްސަލަ ނިމުނުކަމީ އެންމެ އުފާކުރާކަންތައްކަމަށެވެ. ނަމަވެސް ފާއިތިވެދިޔަ މަޖިލީހުން އެއްވެސް ހަމައެއް އުސޫލެއްނެތި ފަޑިޔާރުން ވަކިކޮށް ޤާނޫނު މުޤުރާލާފައިވާކަމީ ހިތާމަކުރައްވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިމައްސަލަޔަށް ވަރަށްބޮޑަށް ތާއީދުކޮށް ޝާރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަވަސްފިޔަޅު އެޅުއްވުމަށް ގޮވާލައްވާފައެވެ. މިމައްސަލާގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ޙުސެއިން އާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަޑިޔާރެއް މަޤާމުން ވަކިކުރުމަކީ އާދައިގެ ކަމެއްނޫންކަމަށެވެ. ސްޕްރީމް ކޯޓަށް ފަޑިޔާރުން އައްޔަން ކުރެވޭ ވަކި ހަމަތަކަކާއި އުސޫލުތަކެއް އޮންނައިރު އާދައިގެ ކޯޓެއްގައި ހުންނެވުމަށްފަހު 5 އަހަރުތެރޭ ޢަބްދުﷲ ދީދީ ސްޕްރީމްކޯޓުގެ ފަޑިޔާރަކަށް ދިޔަގޮތަކީވެސް ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް މި ދެބޭފުޅުން ފާހަގަކޮށްފައިވެއެވެ.
މިމައްސަލާގައި ވާހަކަދެއްކެވި މެމްބަރުންވަނީ ރާއްޖޭގެ ޝަރުއީ ނިޒާމު ހަމަމަގަށް އެޅުވުމަށް އަދިވެސް މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަނގަކޮށް އެކަންތައް އަވަސްގޮތެއްގައި ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.