ޚަބަރު

އިންސާނީ ވަސީލަތްތައް މަދުވުމާއި، ޖާގަ ނެތުމަކީ ގޮންޖެހުމެއް - ޖޭޖޭޔޫ


ކުށްކުރާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާ އެކުދިންނަށްދީ، އެކުދިން އަލުން މުޖުތަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ގޮންޖެހުންތައް ހުރިކަމަށް ޖުވެނައިލް ޖަސްޓުސް ޔުނިޓުން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި އިންސާނީ ވަސީލަތުގެ ދަތިކަމާއި، ޖާގައިގެ ދަތިކަންވެސް ފާހަގަކޮށްފައިވެއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުވަނީ 155 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެތޭގައި މާރާމާރީއާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަަކުގައި ކުޑަކުދިން ބައިވެރިވުމުގެ މައްސަލަތައް ހިމެނެއެވެ.

ހޯމްމިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ގެންދަނީ ކުށްތަކުގައި ގެންނަ މިފަދަ ކުދިންނަށް ބޭނުންވާ ފަރުވާދީ މިކުދިން ކުށުގެވެށިން ދުރުކޮށް، އަލުން މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްކައް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދް ޔޫސުފް ވިދާޅުވީ ކުށްކޮށްގެން ގެންނަ މިފަދަ ކުދިންނަށް އެހީވުމުގައި ގޮންޖެހުންތައް އެބަހުރިކަމަށެވެ. މިކުދިންނަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި މައްސަލަތަކުގައި މަސައްކަތް ކުރާ ކޭސް ވޯކަރުންގެ ދަތިކަންވެސް ހާމިދް ޔޫސުފްވަނީ ފާހަގަކުރައްވާފައެވެ.

"6 ކޭސް ވޯކަރުން ޔުނިޓްގައި ތިބެނީ. ކޮންމެ ކޭސް ވޯކަރަކު 70 ނުވަތަ 80 ކުދިންގެ މައްސަލަތަކުގައި އެބަ މަސައްކަތްކުރޭ." ހާމިދް ޔޫސުފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަން ޙައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކޮށްދެއްވަމުން އަންނަކަމަށެވެ. އެގޮތުން އިތުރު ކޭސްވޯކަރުން މިއަހަރު ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކުދިންނަށް އިތުރު ޕްރޮގްރާމްތައް ހިންގުމަށް އިންސާނީ ވަސީލަތް އިތުރުކުރަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ގެންދަނީ މިކުދިން ކުށުގެ ވެށިން ނެރުމަށް، ނަފްސާނީ ފަރުވާއާއި، އަދި އެކި ސެޝަންތަކާއި، ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން މަސައްކަތް ކުރަމުންނެވެ. އަދި ބެލެނިވެރިންނާއި، މުޖުތަމަޢު މިފަދަ ކުދިންނާމެދު ހޭލުންތެރިކޮށް، މިކުދިން ފަރުވާ ހޯދައިގެން ނުކުންނައިރު މިކުދިންނަކީ މުޖުތަމައު ބަލައިގަންނަ ކުދިންނަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ޖޭޖޭޔޫއިންދަނީ ކުދިންނަށް މަންފާ ހޯދޭނެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށްގެންދެއެވެ.

ހާމިދު ޔޫސުފް ވިދާޅުވީ ގިނަ ކުދިންނަށް އެހީތެރިކަންދެނީ މުޖުތަމަޢުގައި ބައިތިއްބައިގެން ނަމަވެސް، މަރުކަޒުކޮށްގެން ފަރުވާދޭން ބޭނުންވާ ކުދިން އެބަތިބިކަމަށެވެ. ނަމަވެސް މިފަދަ މަރުކަޒެއް ނެތުމުގެ ދަތިކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

"ފަރުވާދޭން ބައިތިއްބާނެ މަރުކަޒެއް ނެތް. މުޖުތަމަޢުގައި ބައިތިއްބައިގެން ރަނގަޅު ނުކުރެވޭނެ ކުދިން އެބަތިބި. އަންނަ އަހަރު މިފަދަ މަރުކަޒެއް އަޅުގަނޑުމެންނަށް ލިބޭނެކަމަށް އުންމީދު މިކުރަނީ. ސަރުކާރުގެ ވިސްނުންހުރީ މިހެން." ހާމިދް ޔޫސުފް ވިދާޅުވިއެވެ.

މައްސަލަތަކުގައި ގެންނަ ކުދިންނަށް އުނގަންނައިދިނުމަށް ޔުނިސެފާ ގުޅިގެން ޕްރޮގްރާމެއްވެސް މިހާރު ފަރުމާކޮށްފައިވާކަމަށް ޖޭޖޭޔޫއިން ވިދާޅުވެއެވެ. ޖޭޖޭޔޫގެ މުވައްޒަފުންނަށް ޕްރޮގްރާމް ގެންދާނެގޮތުގެ ތަމްރީނުދީ ޕްރޮގްރާމް ހިންގާނެ ތަނެއްވެސް ހަމަޖެހިފައިވާކަމަށާ، މި ޕްރޮގްރާމް މިއަހަރު ފަށާނެކަމަށްވެސް ޙާމިދު ޔޫސުފު ވިދާޅުވިއެވެ.

"ދިވެހި، އިނގިރޭސި، ހިސާބު، އިސްލާމް މި ޕްރޮގްރާމްގައި ކިޔަވައިދޭނެ. އިސްލާމީ އާއްމު މަޢުލޫމަތު ނެތް ކުދިންވެސް އެބަތިބި. އަދި ވޮކޭޝަނަލް ތަމްރީނާއި ލައިފް ސްކިލްވެސް ދަސްކޮށްދޭނަން."ހާމިދް ޔޫސުފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުދިންނާ މުޢާމަލާތްކުރާނެގޮތާއި ކުދިންނާމެދު ޢަމަލުތައް ބަހައްޓާނެ ގޮތްތަކަށް ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގާނެކަމަށެވެ.

ޖޭޖޭއިން އާމުކުރި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ރިޕޯޓު ބުނާގޮތުން އެންމެ ގިނައީ 16 އަހަރާއި 18އަހަރާ ދެމެދުގެ ކުދިންގެ މައްސަލައެވެ. އަދި ހުށައެޅި 155 ކުދިންގެ ތެރެއިން %85 ކުދިންނަކީ ފިރިހެން ކުދިންނެވެ.

ޖޭޖޭޔޫއިން ބުނެފައިވަނީ މިފަދަ މައްސަލަތަކަށް ގިނައިން ހުށަހެޅެނީ، ޢާއިލާތެރޭގައި މައްސަލަތައްހުރި ކުދިންނާއި، އަޚްލާގީ މައްސަލަަތަކާއި، އަދި ގްރޫޕްތަކުގައި ޝަމިލްވެއުޅޭ ކުދިންގެ ކުށުގެ މައްސަލަތައްކަމަށެވެ.