ޚަބަރު

ޢަބްދުﷲ ދީދީ މަޤާމުން ދުރުކުރުމުގެ މައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ މަޤާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެއްލެވި މައްސަލައަށްފަހު ދީދީ މަޤާމުން ވަކިކުރުމަށް އެދި ހުށަހަޅާފައިވާ ސިޓީ މަޖިލީހަށް އިއްވައި، މިމައްސަލަވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޢަބްދުﷲ ދީދީގެ މައްސަލަ ތަޙްޤީޤްކުރުމަށްފަހު ޖޭއެސްސީން އެކުލަވާލި ތަޙްޤީޤީ ރިޕޯޓަށް ބެލުމަށްފަހު ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ސިޓީގައިވެއެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދަނިކޮށް އޭނާވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އޭނާގެ ޢާއިލާ ދިރިއުޅުއްވަނީ މެލޭޝިއާގައެވެ. ޖޭއެސްސީން ބެއްލެވި ފަނޑިޔާރު ޢަބްދުﷲ ދީދީގެ، ސުލޫކީ މައްސަލާގައި އޭނާވަނީ އެކޮމިޝަނަށް މީގެކުރިން ޖަވާބުދާރީވެވަޑައިގެންފައެވެ. ޖޭއެސްސީން ބައްލަވާފައިވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައެކެވެ.