ޚަބަރު

ޗައިނާގެ ހޯޓަން ސަރަޙައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީންތައް މިދަނީ ގާތުން ބަލަމުން: އިންޑިއާ


ޕާކިސްތާނާއި ޗައިނާ ސިފައިން ގުޅިގެން ޗައިނާގެ ހޯޓަން ސަރަޙައްދުގައި ކުރިޔަށްގެންދާ އަސްކަރީ ތަމްރީންތައް ވަރަށް ގާތުން ބަލަމުންދާކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާ ވައިގެ ސިފައިންގެ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯޓަން ސަރަޙައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގައި ޗައިނާއާއި ޕާކިސްތާން ގުޅިގެން އުފައްދާފައިވާ ޖޭ-އެފް ސަތާރައިގެ އެންމެ ފަހުގެ މޮޑެލްގެ ފައިޓަރ ޖެޓް ބޭނުން ކުރަމުންދާކަމަށެވެ. މި ތަމްރީންތައް ކުރިއަށްގެންދާ ޗައިނާގެ ހޯޓަން ސަރަޙައްދަކީ އިންޑިއާގެ އުތުރުގައި އޮންނަ ސަރަޙައްދެއްކަމަށްވާ ލަދާކްއާ އެންމެ 200 ކޮލޯމީޓަރު ދުރުގައިވާ ސަރަޙައްދެއްކަމަށްވެސް އިންޑިއާގެ ވައިގެ ސިފައިންގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ޕާކިސްތާނަކީ ޗައިނާއިން ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން އެންމެ ފުޅާދާއިރާއެއްގައި ލިބެމުންދާ އެއް ޤައުމެވެ އަސްކަރީ ތަމްރީންތަކާއި ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްޤީކުރުމުގައި ޗައިނާގެ މައްޗަށް ޕާކިސްތާނުން ވަރަށް ބޮޑަށް ބަރޯސާވަމުންދާކަމަށް އިންޑިއާއިން ތުޙުމަތުކުރެއެވެ.

މިއީ އިންޑިއާގެ އަވަށްޓެރި ޗައިނާއާ ޕާކިސްތާނުން ކުރިޔަށްގެންދާ މިފަދަ 8ވަނަ ތަމްރީނެވެ.