ޚަބަރު

މާލީ ބަދަލު ދޭންޖެހޭ މައްސަލަތަކުގައި އޭގެ ބުރަ ދައުލަތަށް ނުވާނެ އުސޫލެއް ޤާއިމުކުރަން ގޮވާލައި ޤަރާރެއް ހުށަހަޅައިފި


މާލީ ބަދަލު ދޭންޖެހޭ މައްސަލަތަކުގައި އެކަމުގެ ބުރަ ދައުލަތަށް ނުވާނެ އުސޫލެއް ގާއިމުކުރުމަށް ގޮވާލައި ޤަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހަޅާފައިވާ މި ޤަރާރަކީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ބޭރުގެ އެކި ފަރާތްތަކާއި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއެކު ހަދާ އެއްބަސްވުންތަކުގެ މައްސަލަތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލުދޭންޖެހޭ އުސޫލުތައް ދައުލަތަށް ބުރަނުވާގޮތަކަށް މުރާޖައާކުރުމަށް ހުށަހަޅާފައިވާ ޤަރާރެކެވެ.

މިޤަރާރުގައި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް 4 ކަމެއް ހިމަނާފައިވެއެވެ. އެގޮތުން ސަރުކާރުގެ އެންމެހައި ވުޒާރާތަކަށާއި، ދައުލަތުގެ އެންމެހައި ކުންފުނިތަކާއި މުއައްސަސާތަކަކުން އެކިފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކުގައި ދައުލަތުން އެކިފަރާތްތަކަށް ބަދަލު ދޭންޖެހޭ ޙާލަތުގައި ބަދަލުގެ ގޮތުގައި ދޭނޭ އެންމެ މަތީ މިންވަރު ކަނޑައެޅިގެން ބަޔާންކުރުމަށް ކަޑައަޅާފައިވެއެވެ.

މީގެ އިތުރުން ދަޢުލަތުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށް ބޭއިންސާފުން އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ބަދަލު ދޭންޖެހޭ ޙާލަތްތަކުގައި ދައުލަތުން ޚަރަދުކުރަންޖެހޭ ފައިސާއަށް އެކަމުގައި އިހުމާލުވި ފަރާތްތައް ޒިންމާކުރުވުމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށްވެސް މިޤަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި ނިމިދިޔަ ސަރުކާރުން އެކިފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ޚަރަދުކުރަންޖެހިދާނޭ ކަމަށް ލަފާކުރެވޭ ފައިސާގެ ތަފްސީލު ބަލައި، އެ މަޢުލޫމާތު މަޖިލީހަށް ހުށަހެޅުމަށާއި، ސަރުކާރުން އެކިފަރާތްތަކާއެކު ވެފައިވާ އަދި ވެވޭ އެއްބަސްވުންތަކުގެ ދަށުން އެކިފަރާތްތަކަށް ޖޫރިމަނާއާއި، ގެއްލުމުގެ ބަދަލު ދޭންޖެހޭ ޙާލަތްތަކުގައި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި، ފައިސާއިންނާއި، ދައުލަތުގެ ވަސީލަތްތަކުން ދެވޭނޭ އެންމެ މަތީ މިންވަރު ޤާނޫނަކުން ކަނޑައެޅިގެން ބަޔާންކުރުމަށްވެސް މިޤަރާރުގައި ގޮވާލާފައިވެއެވެ.