ޚަބަރު

ރާއްޖޭގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ޖަޕާނުން 41 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފި

ދިވެހި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން 41 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ. ސިއްޙީ ޙިދުމަތް ދިނުމަށް ބޭނުންކުރާ މިތަކެތި ހަވާލުކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިތަކެތި ރަމްޒީގޮތުން ރާއްޖެއާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިއެވެ. އަދި މި ތަކެއްޗާއި ރާއްޖެއިން ހަވާލުވެލެއްވީ ހެލްތް މިިނިސްޓަރ ޢަބްދުﷲ އަމީންއެވެ.

ޖަޕާނު ސަރުކާރުން ހަދިޔާކުރެއްވި މިތަކެތީގެ ތެރޭގައި، ދަތުގެ ފަރުވާ ދިނުމަށް ބޭނުންކުރާ އެކްސްރޭ މެޝިނާއި، ޑެންޓަލް ޔުނިޓް ހިމެނެއެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އަލްޓްރާ ސައުންޑް ސްކޭނަރގެ އިތުރުން ޕޯޓެބަލް އަލްޓްރާ ސައުންޑް ސްކޭނަރ، ޓްރާންސްޕޯޓެބަލް އިންކިއުބޭޓަރސް، ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ އަދި އެމަރޖެންސީ ޓްރާންސްޕޯރޓް ވެންޓިލޭޓަރެއްވެސް ވަނީ ހަދިޔާކުރައްވާފައެވެ.

މި ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤިކުރުމަކީ ޖަޕާނުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން ތަފާތު ބަލިއްތައް ކޮންޓްރޯލްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިކަން ދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ މިފަދަ އެހީތަކަކީ ސަރުކާރުން ޖަޕާނާއެކު ބާއްވަމުން އަންނަ ގާތް ގުޅުމުގެ ނަތީޖާކަމަށެވެ.

"މި ގްރާންޓްގެ ދަށުން 21 ޕެރަމެޑިކް އެމްބިއުލާންސްވެސް ހަދިޔާކުރުމަށް ހަމަޖެހިފައިވޭ. މި ތަކެތި އަންނަ މަހު ރާއްޖެއަށް އަންނާނެ." ސަފީރު ވިދާޅުވިއެވެ.

އެހީއާއި ހަވާލުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިިނިސްޓަރ ޢަބްދުއްﷲ އަމީންވަނީ ޖަޕާނުން ރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމަށާއި، ދެއްވަމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވަނީ މި ލިބުނު އެހީ އައިޖީއެމްއެޗްގެ އިތުރުން، އެކި ރަށްރަށަށްވެސް ފޮނުވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.

"ޖަޕާނަކީ ރާއްޖޭގެ ސިއްޙީ ދާއިރާގައި މުހިންމު ރޯލެއް އަދާކުރާ ޤައުމެއް. މިލިއަންނުން އެހީވަމުން އަންނަ ޤައުމެއް. މި ލިބުނު އެހީގައި ހިމެނޭ ތަކެތި ވަރަށް އަވަހަށް އަތޮޅުތަކަށް ފޮނުވާނަން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ޖަޕާނުން މީގެކުރިންވެސްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 2017 ވަނަ އަހަރު ވަނީ 14 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކުރައްވާފައެވެ. އަދި 2014 ވަނަ އަހަރު 24 މިލިއަން ރުފިޔާގެ ތަކެތި އަދި 2013 ވަނަ އަހަރު 27 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ވަނީ ހަދިޔާކުރައްވާފައެވެ.

ރާއްޖޭގެ ގަވަރނިންގ ނިޒާމާއި، އިޖްތިމާޢީ ތަރައްޤީގައި އެހީވުމަށް، ޖަޕާނުންވަނީ 2.8 މިލިއަން ޑޮލަރުގެ އެހީ ދިނުމަށްވެސް ނިންމާފައެވެ.