ޚަބަރު

ތިނަދޫގައި ލޯންޗު އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ


  • ލޯންޗުގައި ތިބި 2 ފަސިންޖަރަކަށާއި، ކެޕްޓަނާއި ފަޅުވެރިޔާއަށް އަނިޔާވެފައިވޭ

ތިނަދޫގައި ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއް ހިނގައި، 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ތިނަދޫ ސިޓީ ފެރީ ޓާމިނަލް ޖެޓީއަށް ކައިރި ކުރި ލޯންޗެއް ކޮންޓްރޯލް ނުވެގޮސް ޖެޓީގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 01:50 އެހާކަންހާއިރު ފުލުހުންނަށް ލިބިފާވާކަމަށެވެ.

އެލޯންޗްގައި ތިބީ 3 އަންހެނުންނާއި، 1 އަހަރުގެ ތުއްތު ކުއްޖެއްގެ އިތުރުން ލޯންޗްގެ ކެޕްޓަނާއި، ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 މީހުންކަމަށް ފުލުހުން މަޢުލޫމާތުދެއްވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ލޯންޗުގައި ތިބި 2 ފަސިންޖަރަކަށާއި، ކެޕްޓަނާއި، ފަޅުވެރިޔާއަށް އަނިޔާވެފައިވާކަމަށެވެ. އަނިޔާވެފައިވަނީ ކެޕްޓަނާއި ފަޅުވެރިޔާގެ އިތުރުން 2 އަންހެނަކަށެވެ.

އަނިޔާލިބުނު މީހުންނަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.