ތަޢުލީމު

މަންދުކޮލެޖް ހިންގާ އިމާރާތް ބަންދުކޮށްފި


މަންދުކޮލެޖް ހިންގަމުންދާ އިމާރާތް އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ގެންދިއުމަށްފަހު އެތަން ބަންދުކޮށްފިއެވެ.ރޭ ދަންވަރު އެޑިއުކޭޝަން މިނިސްޓްރީން ކުރީގެ އެމްއީއެސް ހިންގި އިމާރާތް ބަންދުކުރީ އެ ތަން ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހޯމަ ދުވަހު މަންދު ކޮލެޖަށް ދިން  ނޯޓިހަށް ޢަމަލުކުރުން ފަސްކުރުމުގެ ޢަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުންނެވެ.އެޑިޔުކޭޝަން މިނިސްޓްރީން ރޭ ނެރިފައިވާ އެންގުމުގައިވަނީ، މަންދު ކޮލެޖް ހިންގަމުންދާ ކުރީގެ އެމްއީއެސްގެ އިމާރާތަކީ ރެއިން ފެށިގެން އެމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނެއްކަމަށާ، އެމިނިސްޓްރީގެ ހުއްދަނެތި އެއިމާރާތަށް ވަދެ ނިކުމެ ހެދުމަކީ މަނާކަމެއްކަމަށެވެ. އަދި އިމާރާތުުގައި އެއްވެސް ފަރާތެއްގެ މުދަލެއްވާނަމަ އެތަކެތި ނެރުމުގެ އިންތިޒާމު އެމިނިސްޓްރީ އާއި ގުޅައިގެން ކުރިއަށްގެންދިޔުމަށްވެސް މި އެންގުމުގައިވެއެވެ.އެޑިއުކޭޝަން މިނިސްޓްރީން ނެރިފައިވާ ބަޔާނެއްގައިވަނީ ކުރީގެ އެމް.އީ.އެސް ހިންގި އިމާރާތް މާލޭހައި ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވުނީ އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެއްބަސްވެވިގެން ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއްގެ ބަދަލުގައި ކޮލެޖެއް ހިންގަމުން ދިއުމަކީ މި އިމާރާތް އެމިނިސްޓްރީން ދޫކުރި މަގުސަދާއި މުޅިން ޚިލާފު ކަމެއް ކަމަށެވެ.އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް އެމްއީއެސްގެ މަސްއޫލުވެރިންނާ ދެމެދު ފުރަތަމަ އެއްބަސް ވުމެއްގައި ސޮއި ކުރެވުނީ 2008 ވަނަ އަހަރުއެވެ. އަދި މިއެއްބަސްވުމާ ގުޅިގެން އެމްއީއެސްގެ މަސްޢޫލުވެރިންނަށް ލިބިދޭ އެންމެހާ ހައްގުތަކާއި އިލްތިޒާމްތައް އެއްވެސް ބަދަލެއްނެތި 2010ވަނަ އަހަރުގެ އޭޕްރީން 6 ވަނަދުވަހު ތަފާތު އެއްބަސްވުންތަކެއްގެ ޒަރީއާއިން ވަނީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ނަގުލު ކުރެވިފައެވެ.މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް މިހައްގުތއް ބަދަލުކުރެވުނު ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއިމާރާތުގައި ހިންގަންޖެހޭނީ އިންޓަރނޭޝަނަލް ސްކޫލެއްކަމަށެވެ. އެހެންނަމަވެސް މިހާތަަނަށްވެސް އެއިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ބަދަލުގައި އެކުންފުނިން ހިންގަމުންދަނީ ކޮލެޖެއް ކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.މިމައްސަލަ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ސަމާލުކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެތަކެއް ފަހަރު ގެނެސްފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ކުންފުނިން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާތީ،  އެއިމާރާތުގައި މަންދު ކޮލެޖް ހިންގާ ފަރާތަށް ނޯޓިސް ދިނީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީންބުނެއެވެ. އެހެންނަމަވެސް މަންދުކޮލެޖް ހިންގާ ފަރާތުން ބުނީ އެތަނުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އެކުންފުނިން ހުށަހަޅާފައިވާކަމަށާއި ހުއްދަ ނުލިބެނީކަމަށެވެ.މަންދުކޮލެޖް ހިންގަމުންދިޔަ އިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޖެނުއަރީ މަހު 15 ދުވަހުގެ ނޯޓިސްހެއް ދީފައިވެއެވެ. އެއަށްފަހު މަންދު ކޮލެޖްގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމޭ ދުވަސް ކަމަށްވާ ހުސްވި މޭމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޢީސުލްް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ މުއްދަތު އިތުރުކޮށް ދެއްވާފައެވެ.މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާއީލު ވިދާޅުވީ އެކޮލެޖްގައި ރަޖިސްޓްރީވެފައިވާ ކުދިންގެ ކޯސްތަކުގެ ކިޔެވުން ކުރިއަށް ގެންދާނޭކަމަށެވެ. އެހެންނަމަވެސް ބޮޑުއަގުގައި އިމާރާތެއް ކުއްޔަށްހިފައިގެން ކޮލެޖެއް ހިންގާނަމަ މިހާރުގެ ފީއަށް ބަދަލުތަކެއް ގެންނަންޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.