ޚަބަރު

ޢާންމު ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށްފަހު ބަދަލުދޭ ވާހަކަ ދައްކަން ލަދުގަންނަންޖެހޭ - އީސަ


ވެރިކަމުން ފައިބަމުން ޤާނޫނާ ޚިލާފަށް ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށްފަހު ބަދަލުދޭ ވާހަކަ ދައްކަން ކުރީސަރުކާރުގެ ބޭފުޅުން ލަދުގަންނަން ޖެހޭކަމުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމަންޓްރީ ބަޖެޓަކީ ބަދަލު ދިނުމުގެ ބޭނުމުގައި ހުށަހަޅުއްވާފައިވާ ބަޖެޓެއްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަހުމަދު އީސާ ވިދާޅުވީ ނުހަގުން އަނިޔާ ދިނުމާއި، ނުހައްގުން ނިގުޅައިގެންފައިވާ ޙައްޤުތައް މި ސަރުކާރުން އިޠާދަކޮށްދޭނެކަމަށެވެ.

ޤާނޫނާ ޚިލާފަށް އެތަކެއް ވިޔަފާރިވެރިންގެ ޙައްޤުތައް ނިގުޅައިގަނެ، އެއްބަސްވުންތައް އުވާލާއި، ނުހައްޤު އަދަބު ދިންފަރާތްތަކަށް އިންސާފް ޤާއިމްކޮށް ދިނުމަކީ މިސަރުކާރުން ކޮށްދޭންޖެހޭ ކަމެއްކަމަށް އޭނާ ފާހަނގަކުރެއްވިއެވެ. މިސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި އިންސާފާއި، ހަމަހަމަކަން ޤާއިމްކޮށް ދިނުމަށްކަމަށާއި، އެއްވެސް ރައްޔިތެއްގެ ޙައްޤަކަށް މިސަރުކާރުން އަރައި ނުގަންނާނެކަމަށް އަހުމަދު އީސާ ވިދާޅުވިއެވެ. ސަރުކާރެއް ރަނގަޅު ގޮތުގައ ކުރިއަށްދާނީ ވިޔަފާރިވެރިންގެ އެހީތެރިކަމާއިވެސް އެކުގައި ކަމަށާއި، މިސަރުކާރުން ވިޔަފާރިވެރިންނަށް އޮތް ބިރުވެރި މާހައުލު މިއަދު ފިލުވާފައިވާކަމަށް އީސަ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެގެން އުޅެނީ ގާނޫނާއި އެއް ގޮތަށް މި ސަރުކާރުން އަމަލުކުރާތީކަމަށެވެ. ބަދަލުގެ ފައިސާ ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވާ މައްސަލަތަކުގައިވެސް އެއްވެސް ފަރާތަކަށް މިހާތަނަށް ފައިސާ ދީފައި ނުވާނެ ކަމަށާއި، އެ މައްސަލަތައް އަލުން ދިރާސާ ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ކުރީގެ ސަރުކާރުގެ އިކޮނޮމިން މިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމަންޓްރީ ބަޖެޓަކީ ބަދަލުދިނުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ބަޖެޓެއްކަމަށެވެ. އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓް މެމްބަރު އަހުމަދު ޝިއާމް ވިދާޅުވީ ބަޖެޓުން ރައްޔިތުންނަށް ވާފައިދާއެއް ނުފެންނަކަމާށާއި، މިއީ ވަކި މަޤްސަދެއް ހާސިލްކުރުމަށް ހުށަހަޅުއްވާފައިވާ ބަޖެޓެއްކަމަށެވެ.

ބަދަލު ދިނުމުގެ މައްސަލާގައި ގިނަބައެއްގެ ކަންބޮޑުވުން އޮތްއިރު، ބޮޑުއަދަދުތަކުން ބަދަލުދޭންޖެހޭކަމަށް ކޮށްފައިވާ ހުކުމްތައް އިސްތިއުނާފް ކުރުމުގެ މަރުހަލާތައް ކުރިއަށްދާކަންވެސް ފާހަގަކޮށްލެވެއެވެ.