ރިޕޯޓް

ވާނީ ރައްޔިތުންނަށް ރޯދައިގެ ކުރިން ގެތައް ހަވާލުކުރަނީ


ސުނާމީއާ ގުޅިގެން ދ. ކުޑަހުވަދޫއަށް ބަދަލުވެފައިވާ އެއަތޮޅު ވާނީ ރައްޔިތުންނަށް ކުޑަހުވަދޫގައި އިމާރާތްކޮށްފައިވާ ގެތައް ރޯދަމަހުގެ ކުރިން ހަވާލުކުރެވޭނެކަމަށް ހައުސިންގ މިނިސްޓަރ. ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީއަށްފަހު ސަރުކާރުން ވަނީ ދ.ވާނީގައި ދިރިއުޅުނު ފަރާތްތައް އެއަތޮޅުގެ ވެރިކަންކުރާ ކުޑަހުވަދޫއަށް ބަދަލުކޮށްފައި. ގާތްގަނޑަކަށް 290 އާއިލާއެއް ކުޑަހުވަދޫއަށް ބަދަލުކޮށްފައިވެއެވެ.ވާނީ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކޮށްފައިވަނީ، އެރަށުން ގެވަޅުދޭގޮތަށެވެ. ނަމަވެސް ސަރުކާރުން ވަނީ ވާނީގެ ރައްޔިތުންނަށް ކުޑަހުވަދޫގައި 53 ހައުސިންގ ޔުނިޓް އިމާރާތްކޮށްދީފައެވެ.ވާނީ ރައްޔިތުން މިހާތަނަށް ދިރިއުޅެމުން އައިސްފައިވަނީ ސަރުކާރުން ކޮންމެ މަހަކު ދެމުންއަންނަ ދެހާސް ރުފިޔާގެ އެލަވަންސާއެކު ކުޑަހުވަދޫގައި ކުއްޔަށެވެ.ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވާނީގެ ރައްޔިތުންނަށް އިމާރާތްކުރި 53 ހައިސިންގ ޔުނިޓްގެ މައިގަނޑު ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި އެސަރަހައްދު ސާފުކުރުމަށްވެސް މިހާރު އިއުލާނުކޮށްފައިވާއިރު، ރޯދަމަހުގެ ކުރިން އެގެތަކަށް ވާނީގެ ރައްޔިތުންނަށް ވަދެވޭވަރުވާނެކަމަށް އުއްމީދުކުރެވޭކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. އެގެތަކުގައި ސެޕްޓިކް ޓޭންކުތައްވެސް މިހާރުވަނީ ބަހައްޓާ ނިމިފައެވެ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް ވިދާޅުވީ، ރޯދައިގެ ކުރިން ގެތައްލިބޭ ފަރާތްތައް ތަރުތީބުކުރެވޭނެކަމަށެވެ. އަދި ހައުސިންގ ޔުނިޓްތައް މިހާރުވަނީ ނިންމުމުގެ އެންމެ ފަހު މަރުހަލާގައިކަން ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވިއެވެ.ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ، ވާނީ ރައްޔިތުން ފުރަތަމަ ކުޑަހުވަދޫއަށް ބަދަލުވީ، ގޯތި ދޭނެކަމަށް އެއްބަސްވެގެންކަމަށެވެ. ނަމަވެސް މިހާރު އެފަރާތްތައް ދިރިއުޅެން ހައުސިންގ ޔުނިޓްތަކެއް އިމާރާތްކޮށްފައި ވާއިރު، ވާނީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އާމިރު ފާހަގަކުރެއްވިއެވެ.ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އަމިއްލަ ކުންފުޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫގައި ކޮންމެ ޔުނިޓަކަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ހައުސިންގ މިނިސްޓްރީން ލަފާކުރެއެވެ. ސަރުކާރުންވަނީ އެކުންފުންޏަށް ރިސޯޓެއް ހިންގުމަށް ރަށެއްދީފައެވެ.