ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެކުރިން މަޖިލީހުގައި ހުރި މަސައްކަތްތައް ނިންމުމަށްޓަކައި ސެޕްޓެމްބަރުމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދިގުކުރުމަށް މަޖިލީހުން ފާސްކުރައްވައިފިއެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިދައުރުގެ ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ މިމަހުގެ 29ވާ ބުރާސްފަތި ދުވަހުއެވެ. ސެޕްޓެމްބަރު މަހު ޗުއްޓީ ހޭދަކުރުމަށްފަހު މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޯބަރު މަހުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެކުރިން މަޖިލީހުގައި ހުރި މަސައްކަތްތައް ނިންމުމަށް ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމާމެދު މެމްބަރުން ގޮތެއް ނިންމެވުމަށް މަޖިލީހުގެ ރައީސްވަނީ ރޭ އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށްފަހު ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިމަސައްކަތް ނިންމެން އޮތީ ބުރާސްފަތީގެ ފަހުންވެސް ޖަލްސާތަކެއް ބާއްވައިގެންކަމަށެވެ.
ދައުރު ދިގުކުރުމާގުޅޭގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހުމުން ހަތްދިހަ ދެ މެމްބަރުންގެ އަޣުލަބިއްޔަތުންވަނީ ސެޕްޓެމްބަރުމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދިގުކުރުމަށް ފާސްކޮށްފައެވެ.