ސިޔާސީ

ފަނޑިޔާރު ދީދީ ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުން މިރޭ!


ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމެވުން މިރޭ ބައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ފަނޑިޔާރު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމެވުން މިރޭ ބައްވާ ޖަލްސާއަށް އެޖެންޑާކުރައްވާނެކަމަށެވެ. ޢަބްދުﷲ ދީދީގެ މައްސަލަ މިރެއަށް އެޖެންޑާކުރުމަށް ނިންމާފައިވާއިރު، ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމާ މަޖިލީހަށް ފޮނުވާފައިވަނީ މިއަދު ހެނދުނެވެ.

ޢަބްދުﷲ ދީދީގެ މައްސަލަ ތަޙްޤީޤްކުރުމަށްފަހު ޖޭއެސްސީން އެކުލަވާލި ތަޙްޤީޤީ ރިޕޯޓަށް ރިޕޯޓަށް ބެލުމަށްފަހު ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށައަޅާން ނިންމާފައިވާކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަމުންދަނިކޮށް އޭނާވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުގެރޭ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އޭނާގެ ޢާއިލާ ދިރިއުޅުއްވަނީ މެލޭޝިއާގައެވެ. ޖޭއެސްސީން ބެލި ފަނޑިޔާރު ޢަބްދުﷲ ދީދީގެ، ސުލޫކީ މައްސަލާގައި އޭނާވަނީ އެކޮމިޝަނަށް މީގެކުރިން ޖަވާބު ދާރީވެވަޑައިގެންފައެވެ. ޖޭއެސްސީން ބަލާފައިވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައެކެވެ.