ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނެނީ 1 ސެންޓްރަލް ރީޖަނާއި 5 މެއިން ރީޖަން - އަސްލަމް


ރާއްޖެ ތަރައްޤީކުރުމަށްޓަކައި ސަރުކާރު ގެންގުޅުއްވާ ޚާއްޞާ ޕްލޭނުގައި ހިމެނެނީ ސެންޓްރަލް އެއް ރީޖަނާއި ފަސް މެއިން ރީޖަންކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޙާޒިރުކޮށް މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ އެމިނިސްޓްރީން ޢާންމުކުރެއްވި ރާއްޖޭގެ ޚާއްޞާ ތަރައްޤީގެ ޕްލޭނާގުޅޭގޮތުން މިހާތަނަށް މަޢުލޫމާތު ފެތުރިފައިވަނީ ހަޤީގަތާ ޚިލާފަށްކަމަށެވެ. ސަރުކާރުގެ ޕްލޭނަކީ، ސެންޓްރަލް އެއް ރީޖަން ތަރައްޤީކުރުންކަމަށާ، އަދި މެއިން ފަސް ރީޖަނާއި، ސަބް-ރީޖަންގެ ގޮތުގައި ނުވަ ސަރަޙައްދާއި، 6 ކްލަސްޓަރ ރީޖަން ތަރައްޤީކުރުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރީޖަންތަކާއި ސަބް-ރީޖަންތަކާ މާބޮޑު ތަފާތެއް ނުހުންނާނެކަމަށެވެ. އެގޮތުން ޚިދުމަތްތަކާއި ވަސީލަތްތަކުގައިވެސް ތަފާތުތަކެއް ކުރުން ނުހުންނާނެކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ސަބް-ރީޖަންގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުތަކެއް ރީޖަންއަކަށް ބަދަލުވުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ. އެއީ ހުޅުވާލެވިފައިވާކަމެއްކަމަށް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަބްރީޖަން ރީޖަންއަކަށް ކުރިއަށްދާން އެއްވެސް ހުރަނެއް ނެތް. މިކަމުގައި ހުއްޓޭނެ ހިސާބެއްނެތް. މިއީ ފެށޭ ހިސާބު. އެހެންވީމަ ކޮންމެ ރަށެއްވެސް ސަބްރީޖަނަށް ވުމަށް ފުރުޞަތު އެބައޮތް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ އެންމެބޮޑު އަމާޒަކީ މާލޭ އޭރިއާގެ ތޮއްޖެހުންތައް ކުޑަކޮށް، މަޝްރޫޢުތައް މުޅިރާއްޖެއަށް ބަހާލައިގެން ކުރިއަށްގެންދިއުންކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މާލެ ސަރަޙައްދަށް ރައްޔިތުން ތޮއްޖެއްސުމުގެ ވިސްނުން މިސަރުކާރުން ނިމުމަކަށް ގެންނާނެކަމަށް ސަރުކާރުން ވަނީ ހަމާކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ބަނދަރު މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލަވާފައެވެ. އެގޮތުން މިއަހރުގެ ބަޖެޓްގައި59 ބަނދަރު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބަޖެޓްކޮށްފައިވާކަމަށާއި، އޭގެ ތެރެއިން 19 މަޝްރޫޢުގެ މަސައްކަތުގައި ސޮއިކުރައްވާފައިވާކަމަށެވެ. އެއީ ބޮޑެތި މަޝްރޫޢުކަން ފާހަގަކުރައްވައި ވިދާޅުވީ، ޓެންޑަރިންގ މަރުހަލާގައި 22 މަޝްރޫޢު ހިމެނޭކަމަށެވެ. އަދި ޓެންޑަރިންގ މަރުހަލާއަށް ފޮނުވުމަށް 18 މަޝްރޫޢު ހިމެނޭކަމަށެވެ.
މިއަހަރުގެ ބަޖެޓްގައި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 563 މިލިއަން ރުފިޔާ ކަނޑައަލާފައި ވީނަމަވެސް މިހާރު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ޖުމްލަ ޢަދަދު 66 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

"ބަޖެޓްގައި ހިމެނިފައިވާ ޢަދަދުގެ %75 އާއު %80ގެ ޢަދަދަކަށް މަޝްރޫޢުތައް ކުރިއަށް ގެންދދިއުމަށް މި މަސައްކަތްކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ތަކުރާރާކުރައްވާފައެވެ.