ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީއަށް


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަަށް ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ޑރ. އަޒްމިރާލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުޙައްމަދުގެ ނަންފުޅެވެ. މި ދެބޭފުޅުންނަކީ ޖުޑީޝަލް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާމެދު ލަފާފުޅަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ނަން ފޮނުއްވި ދެ ބޭފުޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ބޭފުޅުންގެ ނަންފުޅުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ހައިކޯޓުގެ 4 ފަނޑިޔާރުންގެ ނަންފުޅުވެސް މަޖިލީހަށް ފޮނުވާފައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލައްވާފައިވާ ހައިކޯޓްގެ 4 ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ.

ޖޭއެސްސީން ޑރ. އަޒްމިރާލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުޙައްމަދު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސަށް ލަފާއަރުއްވާފައިވަނީ، އެ ކޮމިޝަނުން ސްޕްރީމް ކޯޓުގެ ބެންޗަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ ފުރުޞަތުގައި ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާއި ވަކިވަކިން އިންޓަރވިއު ކުރުމަށްފަހުގައެވެ.

ފަނޑިޔާރުންގެ ޤާނޫގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަޤާމުގެ ޝަރުތު ފުރިހަމަވާ މީހުންނާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެންގެ ނަންތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެ ކޮމިޝަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މީހަކު އައްޔަންކުރެވޭނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެކަން ފާސްކުރާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހެއެވެ.