ޚަބަރު

ޕެލަސް އިން ކޮންފަރެންސް ލީގު ކާމިޔާބުކޮށްފި


ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ރޭ ސްޕެއިންގެ ރަޔޯ ވަޔެކާނޯ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ކްރިސްޓަލް ޕެލަސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލައިޕްޒިގްގެ ރެޑްބުލް އެރީނާގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ކްރިސްޓަލް ޕެލަސް އިން ހޯދިއިރު މިއީ ޔޫރަޕްގެ މުބާރާތެއްގެ ތަށި އެ ޓީމުން ހޯދި ފުރަތަމަ ފަހަރެވެ.

އަދި މިއީ ޕެލަސްގެ ކޯޗު ކަމާއި އޮލިވަރ ގްލޭޒްނަރ ހަވާލުވިފަހުން އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ތިން ވަނަ މުބާރާތެވެ. މީގެ ކުރިން އޭނާ ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އިނގިރޭސި ކޮމިއުނިޓީ ޝީލްޑްވެސް އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ޖިއާން ފިލިޕް މަޓޭޓާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް ޕެލަސް އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ސްޕެއިންގެ ޔެރެމީ ޕިނޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.

މި މެޗުގައި ޕެލަސްގެ ގޯލުކީޕަރު ޑީން ހެންޑަސަން ވަނީ މޮޅު ކުޅުމެއް ދައްކާ ވަޔެކާނޯގެ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.