ސިޔާސީ

މުހިންމު އިޞްލާޙުތަކަކާއެކު މަޖިލީހުގެ ޤަވާއިދު ފާސްކޮށްފި


މަޤްބޫލު އުޒުރެއްނެތި މަހެއްގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް ޙާޒިރުނުވެއްޖެނަމަ މެންބަރުންގެ މުސާރައިން އުނިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އިޞްލާޙުކޮށް ފާސްކޮށްފިއެވެ. އައު ޤަވާއިދުގައިވާގޮތުން މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން ސަލާމް ބުނެފިނަމަވެސް މަޖިލީހުގެ ރިޔާސަތުން އެކަން އިޢުލާންކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ޤަވާއިދު އެކުލަވާލުމަށް އެކުލަވާލި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 11 މެންބަރުންނެވެ. މަޖިލީހުގެ ޤަވާއިދު އިޞްލާހުކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށައެޅި ރިޕޯޓަށް މަޖިލީހުގެ ތަޅުމުން 52 އިޞްލާހެއް ގެނައުމަށް ހުށައެޅިއެވެ. ވަކިވަކިން ވޯޓަށް އެހި އިޞްލާހުތަކުގެ ތެރެއިން ފާސްނުކުރުމަށް ނިންމީ ހަތަރު އިޞްލާހެކެވެ. ތަޅުމުން ގެނައި އިސްލާހުތަކާއެކު މަޖިލީހުގެ ޤަވާއިދު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާޤުންނެވެ.

ޤަވާއިދު އިޞްލާޙުކުރުމަށްފަހު ރިޕޯޓް ތަޅުމަށް ހުށައަޅުއްވަމުން ކޮމިޓީގެ މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ޤަވާއިދު އިޞްލާހުކުރުމުގައި އެންމެ ބޮޑަށް އިސްކަންދެއްވާފައިވަނީ މަޖިލީހުގެ މަސައްކަތްތައް އަވަސްކުރެވޭނެގޮތަށްކަމަށެވެ އަދި ނަޒާހަތްތެރި މަޖިލީހެއް އުފެދޭނެގޮތަށް ޤަވާއިދު އިޞްލާހުކޮށްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޖަލްސާތަކަށް ޙާޒިރުނުވާނަމަ މުސާރަ އުނިކޮށް ސަލާމުގައި ތިއްބާ މެންބަރުން އިޢުލާންކުރުން:

މަޖިލީހުގެ ޤަވާއިދަށް ގެނައި މުހިންމު އިޞްލާޙުތަކުގެ ތެރޭގައި މަޤްބޫލު އުޒުރެއްނެތި މަހެއްގެ ދެބައިކުޅަ އެއްބައި ޖަލްސާއަށް ޙާޒިރުނުވެއްޖެނަމަ އެ މެންބަރެއްގެ މުސާރައިގެ 50 އިންސައްތަ އުނިވާނެކަމަށް ބަޔާންކޮށްފައިވާ އިސްލާހު ފާހަގަކޮށްލެވެއެވެ. މި އިސްލާހުގައި މަޤްބޫލު އުޒުރެއްކަމަށް ކޮމިޓީން ނިންމާފައިވަނީ ސަލާމާއި ޗުއްޓީއެވެ. މީގެއިތުރުން ޤަވާއިދަށް ގެނައި މުހިންމު އިޞްލާޙުގެ ތެރޭގައި ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތެރެއިން 50 އިންސައްތަ ކޮމިޓީއަށް ޙާޒިރު ނުވެއްޖެނަމަ ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އުނިވާނެއެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50 އިންސައްތައާއި 70 އިންސައްތައާ ދެމެދު ބައްދަލުވުމަށް މެންބަރުން ވަޑައިގެންފިނަމަ އެ މެންބަރަކަށް ލިބިވަޑައިގަންނަވާނީ ކޮމިޓީ އެލަވަންސްގެ ތެރެއިން 50 އިންސައްތައެވެ. އެއީ 10،000 ރުފިޔާއެވެ.

މީގެ އިތުރުން މަޖިލީހުގެ ޖަލްސާއެއް ފެށުމުގެ ކުރިން ޖަލްސާގެ ޙާޒިރީ އިޢުލާންކުރާއިރު، އެ ޖަލްސާއަކަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ޢަދަދާއި، ސަލާމުގައި ތިއްބެވި މެންބަރުންގެ ޢަދަދާއި، ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންގެ އަދަދު ރިޔާސަތުން އިޢުލާންކުރުން ހިމެނެއެވެ. މަޖިލީހުގައި މިހާރު ޢަމަލުކުރަމުން އަންނަގޮތަށް ބަލާއިރު ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތުން ޖަލްސާއަށް ވަޑައިގެންތިއްބެވި މެންބަރުންގެ ޙާޒިރީ އިޢުލާންކުރެއެވެ. ނަމަވެސް ސަލާމުގައި ތިއްބަވާ މެންބަރުންނާއި ރަސްމީ ދަތުރުގައި ތިއްބަވާ މެންބަރުންގެ ޢަދަދު އިޢުލާން ނުކުރެއެވެ.

މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އެހެނިހެން އިޞްލާހުތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުން ތަމްސީލްކުރާ ދާއިރާގެ މެންބަރުންނާއި ބައްދަލުކުރުމަށް އެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ ކޮންމެ މެންބަރަކަށް އޮފީހެއް ޤާއިމްކުރުމަށް ބޭނުންފުޅުވާނަމަ މަޖިލީހުގެ އިދާރާގައި އެ އޮފީހެއް ރަޖިސްޓްރީކުރުމަށްވެސް ވަނީ ހިމަނާފައެވެ.

ކޮމިޓީތަކުން އަމަލުކުރާ އުސޫލުތަކަށް ބަދަލުގެނައުން:

މަޖިލީހުން ފާސްކުރި ޤަވާއިދަށް ގެނެސްފައިވާ މުހިންމު އިޞްލާޙުތަކުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީއަކަށް ވަޒީރަކު ނުވަތަ މުއައްސަސާއަކުންވެސް ޙާޒިރުކުރާނަމަ 5 ދުވަހުގެ މުހުލަތެއް ދިނުން ހިމެނެއެވެ. މިހާރު ޢަމަލުކުރަމުން އަންނަގޮތަށްބަލާއިރު މަޖިލީހުގެ ކޮމިޓީއަކުން އަންގައިފިނަމަ އެއްވެސް މުހުލަތަކާއި ނުލާވެސް ކޮމިޓީއަށް ވަޒީރުންނާއި މުއައްސަސާތައް ޙާޒިރުކުރެވޭނެއެވެ.

މީގެ އިތުރުން މިނިވަން މުއައްސަސާތަަކަށް ޢަައްޔަންކުރާ މެންބަރުންނާއި ކޮމިޓީން އިންޓަރވިއުކުރާއިރު އެ ބައްދަލުވުން ވަގުތުން ދެއްކުން ނުވަތަ ލައިވްކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އަދި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު ކޮމިޝަންތަކަށް މެންބަރުން ޢައްޔަންކުރުމާއި ރުހުން ދިނުމުގައި ޢަމަލުކުރާނެ އުސޫލަށްވެސް ވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން މަޤާމުގެ ޝަރުތު ހަމަވޭތޯ މަޖިލީހުގެ މުވައްޒަފުންގެ ޕެނަލަކުން ބެލުމަށްފަހު ޝަރުތު ހަމަވާ މީހުންގެ ނަންތައް ކޮމިޓީއަށް ހުށައަޅަންވާނެކަމަށެވެ. އަދި ޝަރުތު ހަމަނުވާ މެންބަރުން ތިބިނަމަ އެ މީހުންގެ ޝަރުތު ހަމަނުވާ ސަބަބުވެސް ކޮމިޓީއަށް އަންގަންވާނެކަމަށްކަމަށްވެސް އިޞްލާހުގައިވެއެވެ. އަދި ކޮމިޓީތަކުން ދިރާސާ ކުރަމުން އަންނަ ބިލްތަކާއި މައްސަލަތަކައް ޤާނޫނީލަފާ ބޭނުންވާނަމަ ކައުންސިލަރ ޖެނެރަލްގެ ލަފާ ވީހާވެސް އަވަހަށް ހޯދުންވެސް ހިމެނެއެވެ.

އަދި ސަރުކާރާއި އެމްޑީޕީގެ ވަޢުދުގެ ތެރޭގައި ހިމެނޭ ނަޒާހަތްތެރި މަޖިލީހެއް އޮތުމަށް ބާރުއަޅާ އިޞްލާހުތައްވެސް އަލަށް ގެނެވުނު މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށައެޅުމާއެކު، އެ މެންބަރުންގެ އަނބިންނާއި ފިރިންގެ މާލީ ބަޔާންވެސް ހުށައަޅަންޖެހޭގޮތަށް ވަނީ ޤަވާއިދު އިޞްލާޙުކޮށްފައެވެ.

ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ އެންމެހައި ކަންތައްތައް ހިންގުމާއި މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި މުވައްޒަފުންގެ މުސާރަކަނޑައެޅުމާއި މަޖިލީހުގެ ޖަލްސާތަކާ ބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މި ކަންތައްތަކާ ގުޅޭ ޤަވާޢިދުތައް ހަދާނީ ވެސް މަޖިލީހުންކަމަށެވެ.

މިހާތަނަށް ޢަމަލުކުރަމުން އައި މަޖިލީހުގެ ޤަވާއިދަކީ 2010 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤަވާއިދެކެވެ.