ދިހަ ރުފިޔާ އާއި ސަތޭކަ ރުފިޔާގެ އައު ޗާޕެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފިއެވެ.
އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން، 5 ޖުލައި 2018 ގައި އަލުން ޗާޕުކޮށްގެން ރާއްޖެއަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރެފައިވަނީ ސޮޔާއި ތާރީޚުގެ ބަދަލަކާއެކުގައެވެ.
އެގޮތުން އައު ޗާޕުގައި ސޮއިކޮށްފައިވަނީ ދާދިފަހުން ގަވަރަނަރުކަމުން އިސްތިއުފާދެއްވި އަޙްމަދު ނަސީރެވެ. އަދި އައު ޗާޕުގައި މީލާދީ ތާރީޚުގެ ގޮތުގައި 10 މާރިޗު 2018 ޖަހާފައިވާއިރު، ހިޖުރީ ތާރީޚުގެ ގޮތުގައި ހިމަނާފައިވަނީ، 22 ޖުމާދަލްއާޚިރާ 1439އެވެ.
މަރުކަޒީ ބޭންކުން ވިދާޅުވީ އަލަށް ޗާޕުކޮށްގެން މިނެރުނު 10 ރުފިޔާއާއި 100 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރާއްޖޭގައި ކުރިން ބޭނުން ކުރަމުން އައި ނޫޓުތައް އުވާލާ ރަންދިހަ ފަހެއްގެ އައު ނޫޓް ސީރީޒްއެއް ތަޢާރަފުކޮށްފައިވާއިރު، މިނޫޓްތައް ހަދާފައިވަނީ ސެކިއުރިޓީ ފީޗާސްތައް ވަރަށް ވަރުގަދަކޮށް ޕޮލިމާ ކަރުދާހުގައެވެ.
ރަން ދިހަ ފަހެއް ނޫޓު ސީރީޒްގައި ހިމެނެނީ 5ރ، 10ރ، 20ރ، 50ރ، 100ރ، 500ރ އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.