ކުޅިވަރު

ބޮޑު ތަފާތަކުން ޖޯޑަން އަތުން ރާއްޖެ ބަލިވެއްޖެ


ބޮޑު ތަފާތަކުން ޖޯޑަން އަތުން 16 އަހަރުން ދަށުގެ އިންޓަނޭޝަނަލް ނޭޝަންސް ކަޕްގައި ދިވެހިރާއްޖޭގެ ޓީމް ބަލިވެއްޖެއެވެ.

ރާއްޖެއިން އަލަށް ވާދަކުރި މިމުބާރާތުގައި ރާއްޖޭގެ ޓީމްގެ ފުރަތަމަ މެޗްގައި 9 ލަނޑު 0 ލަނޑުން ބަލިވީ ޖޯޑަންއާއި ވާދަކޮށްގެންނެވެ. 4 ޓީމް ވާދަކުރާ މިމުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާނެއެވެ. ޖޯޑަންއާއި ރާއްޖޭގެ އިތުރުން މިމުބާރާތުގައި ދެން ވާދަކުރަނީ ޤަތަރާއި އިންޑޮނޭޝިޔާއެވެ.

އިންޓަނޭޝަނަލް ނޭޝަންސް ކަޕްގައި ޒުވާން ޓީމް ބައިވެރި ކުރުމަށް އެފްއޭއެމުން ނިންމީ މިހާރު އިންޑިއާގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިނުވާން ނިންމުމަށްފަހުއެވެ. މިކަމާގުޅިގެން އެފްއޭއެމުން މީގެ ކުރިން ބުނީ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިނުވެ މިމުބާރާތުގައި ޓީމް ބައިވެރިކުރަން ނިންމީ އިދިކޮޅުން ވާދަކުރާ ޓީމްތަކުގެ ފެންވަރަށް ބަލާއިރު، ޒުވާން ޓީމަށް ވަރުގަދަ މެޗްތަކެއް ކުޅެންލިބި، ރަނގަޅު އިންޓަނޭޝަނަލް ތަޖުރިބާއެއް ލިބޭނެކަމަށް އެ އިދާރާގެ ޓެކްނިކަލް ޓީމަށް ފެންނާތީކަމަށެވެ.

މި މުބާރާތަކީ 16 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ހެޑްކޯޗް މުޙައްމަދު ނިޒާމްއާއި ޓީމް ހަވާލުކުރިފަހުން، ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީމް ވާދަކުރާ ފުރަތަމަ މުބާރާތެވެ.