ޚަބަރު

އޭޝިއާ ފައުންޑޭޝަނުން ރާއްޖޭގެ ސްކޫލްތަކަށް 6000 ފޮތް ހަދިޔާކޮށްފި


އޭޝިއާ ފައުންޑޭޝަނުން ދިވެހިރާއްޖެއަށް ހަހާސް ފޮތް ހަދިޔާކޮށްފިއެވެ. މި ފޮތްތަކީ ސްކޫލްތަކުގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ފޮތްތަކެކެވެ.

އޭޝިއާ ފައުންޑޭޝަނުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފޮތް، ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއިން މިފޮތްތަކާ ޙަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. މި ފޮތްތައް ރާއްޖެއާ ޙަވާލުކޮށްދެއްވީ އޭޝިއާ ފައުންޑޭޝަނުގެ ޑިރެކްޓަރ، ސީނިއަރ އެޑްވައިޒަރ އޮޕަރޭޝަންސް، އެންޓޮން ނައްލަތަމްބީއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރުމަށް އޭޝިއާ ފައުންޑޭޝަނުންވަނީ 6000 ފޮތް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ފޮތްތަކާ ޙަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި ލައިބްރަރީތައް ހުރިނަމަވެސް ލައިބްރަރީގައި ކުދިންނަށް ބޭނުންވާ ފޮތް އެކަށީގެންވާ މިންވަރަކަށް ނެތްކަމަށެވެ. އަދި އޭޝިއާ ފައުންޑޭޝަނުން ހަދިޔާކުރި ފޮތްތައް ވީހާވެސް އަވަހަށް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ދަރިވަރުންގެ ޢާއްމުމަޢުލޫމާތުގެ މުއްސަނދިކަމާއި ކިޔެވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައްވެސް ފަސޭހައިން ލިބިގެންދާ ކަމެއްގެގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިރަސްމިއްޔާތުގައިވަނީ މި ދާއިރާއިން ރާއްޖެއަށް އިތުރަށް އެހީ ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، އޭޝިއާ ފަންޑޭޝަނާ ދެމެދު މަޝްވަރާކުރައްވާފައެވެ. އަދި ކުދިންގެ ކިޔުމުގެ ހުނަރު އިތުރުކުރުމަށް އޭޝިއާ ފައުންޑޭޝަނުން ހިންގާ މަސައްކަތްތަކުގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.

"ގިނަ ސްކޫލްތަކެއްގައި ބޭނުންވާ މިންވަރަށް ލައިބްރަރީތަކުގައި ފޮތެއް ނެތް. އަޅުގަނޑުމެން ބޭނުންވޭ ޓީޗިން ހަދާ ފަރާތްތަކުން ލިޔާ ފޮތްތައްވެސް ޕަބްލިޝްވެ ދަތިވަރުން އެ ފޯރުކޮށްދެވޭނެގޮތެއް."މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭޝިއާ ފައުންޑޭޝަންގެ ޑިރެކްޓަރ، ސީނިއަރ އެޑްވައިޒަރ އޮޕަރޭޝަންސް އެންޓޮން ނައްލަތަމްބީ ވިދާޅުވީ އޭޝިއާ ފައުންޑޭޝަނުން ހަދިޔާކުރާ ފޮތްތަކުގެ 60-70 އިންސައްތައަކީ ޕްރައިމަރީ ސެކަންޑަރީ ގްރޭޑްތަކަށް ހަދިޔާ ކުރާ ފޮތްކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކަށްވެސް ފޮތް ހަދިޔާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

" 1980އިން ފެށިގެން ރާއްޖެއަށް ފޮތް ހަދިޔާކުރަމުން މިދަނީ. ބޮޑަށް ކިޔެވުމަށް ބޭނުންކުރާ ފޮތްތައް. ސްކޫލާއި، ރަށްރަށުގެ ކޮމިއުނީ ސެންޓަރުތަކަށާއި، ޤައުމީ ލައިބްރަރީއަށްވެސް ފޮތް ހަދިޔާކުރަން." އެންޓޮން ވިދާޅުވިއެވެ.

އޭޝިއާ ފައިންޑޭޝަނުންވަނީ އެފައުންޑޭޝަނުން، ކިޔުންތެރިކަން އިތުރުކުރުމަށް އޮންލައިންކޮށް ހިންގާ އެކި ޕްރޮގްރާމްތަކުގެ މަޢުލޫމާތުތައްވެސް މިނިސްޓްރީއާ ޙިއްސާކުރައްވާފައެވެ.