ޚަބަރު

ސުޕްރީމްކޯޓަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުން މިރޭ


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއު ކުރަން މިރޭ ފަށަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ ކުރިމަތިލައްވާފައެވެ. މިގޮތުން ސުޕްރީމްކޯޓްގެ ބެންޗަށް ހައިކޯޓުން ކުރިމަތިލައްވާފައިވަނީ ފަނޑިޔާރު ޢަލީ ސަމީރާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ސުޕްރީމްކޯޓްގެ ބެންޗަށް އަލަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ ޖޭއެސްސީގެ ލަފާފުޅަކަށް އެދިވަޑައިގެން ދެ ނަމެއް ފޮނުއްވާފައެވެ. މިގޮތުން ރައީސް ހުށައަޅުއްވާފައިވަނީ ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި، ސިވިލްކޯޓްގެ އިސްގާޒީކަންވެސް ކުރައްވާފައިވާ އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އެވެ.

ސުޕްރީމްކޯޓްގެ ބެންޗަށް ކުރިމަތިލެއްވި ފަރާތްތަކުގެ އިންޓަރވިއުތައް މިރޭ 19.00 އިން ފެށިގެން ކުރިޔަށްދާނެކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ކޮމިޝަނުގެ ބޭނުމަށް މި އިންޓަރވިއުގެ ވީޑިއޯ ރެކޯޑް ކުރުމަށްވެސް ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރެއްވުމަށް ޖޭއެސްސީގެ ލަފާފުޅަކަށް ރައީސް ސާލިހް ހުށައަޅުއްވާފައިވާ ދެ ނަން ބަލައިގަތުމަށް ނިންމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން މިދިޔަ ހޮނިހިރު ދުވަހު ހުޅުވާލި ފުރުސަތު ހަމަވީ މިއަދު މެންދުރު ބާރަ ޖެހިއިރުއެވެ.

ފަނޑިޔާރުންގެ ގާނޫގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަޤާމުގެ ޝަރުތު ފުރިހަމަވާ މީހުންނާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެންގެ ނަންތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެ ކޮމިޝަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެ ކަމަށެވެ.

އަދި ޖޭއެސްސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ، އެ ފަހަރަކު އައްޔަންކުރަން ޖެހިފައިވާ ފަނޑިޔާރުންގެ އަދަދަށް ނުވަތަ އެ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ނަމެއް ނުވަތަ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށްވެސް ފަނޑިޔާރުންގެ ޤާނުނުގައި ބުނެފައިވެ އެވެ. އަދި އެ ނަންތަކާއެކު ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ހުރިހާ ނަމެއްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވަންވާނެކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރެވޭނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެކަން ފާސްކުރާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންޖެހެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށޤ އައްޔަންކުރެއްވުމަށް އަންހެން ދެ ބޭފުޅުންގެ ނަން ހުށައަޅުއްވާފައިވާއިރު އެކަމުގައި ދީނީގެ ގޮތުން ބައެއް ހިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. ބައެއް ދީނީ އިލްމްވެރިން އެކަމާއި ދެކޮޅު ހައްދަވަމުން ގެންދަވާއިރު އަދާލާތު ޕާޓީ މިއަދު ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ އަންހެން ފަނޑިޔާރުން އައްޔަންކުރުމަކީ އިސްލާމް ދީން ހުއްދަކުރާކަމެއް ނޫންކަމަށެވެ. އަދި އަންހެން ފަނޑިޔާރުން ހުއްދަ ނޫންކަމަށްބުނެ ފަތުވާ މަޖިލީހުންވެސް ވަނީ ފަތުވާނެރެފައެވެ.